އައްޑޫ ސިޓީ ކައުންސިލް އުފެދިފައިވާ ގޮތަށް ބަދަލު ގެނައުމަށް އެ އަތޮޅުގެ ތިން ރަށެއްގެ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ހުށަހަޅުއްވާފައިވާ ސުވާލުތަކަށް އެމަނިކުފާނު ބަދަލު ގެންނަވައިފިއެވެ. މި ބަދަލުތައް ގެނެވިފައިވަނީ އެކަމަށްޓަކައި ނެރުއްވި ޚާއްސަ ޤަރާރަކުންނެވެ.
މި މަހުގެ 6 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން އައްޑޫ ސިޓީ ކައުންސިލް އެކުލެވިފައިވާ ގޮތަށް ބަދަލު ގެނައުމަށްޓަކައި އައްޑުއަތޮޅު ހުޅުދޫ، މީދޫ އަދި ފޭދޫގެ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމަށް ކަނޑައަޅުއްވާފައިވެއެވެ. އިލެކްޝަންސް ކޮމިޝަނުން ވަނީ މި ވޯޓު މި މަހުގެ 25 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އައްޑުއަތޮޅު ހުޅުދޫއާއި މީދޫ، އެއް ރަށު ކައުންސިލްގެ ދަށުން ހިންގުމާ ގުޅޭ ސުވާލު އުނިކުރައްވައި، އޭގެ ބަދަލުގައި އައްޑުއަތޮޅު ހުޅުދޫ، މީދޫ އަދި ފޭދޫގެ ނަމުގައި ވަކިވަކި ކައުންސިލްތައް އުފައްދަން ފެނޭތޯ ސުވާލުކުރެއްވުމަށް ނިންމަވާފައެވެ.
ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ހާލަތެއްގައި ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއާއެކު އެ ވޯޓެއް ނެގުމަށް ޤަރާރަކުން ކަނޑައަޅުއްވަންޖެހެއެވެ. އަދި އެ ޤަރާރުގައި ފެންނަ ނުފެންނަ ވޯޓުގައި ރައްޔިތުންގެ ޚިޔާލު ހޯދުމަށް ހުށަހަޅުއްވާ ސުވާލުތައް ތަފްސީލުކޮށް ބަޔާންކުރަންޖެހެއެވެ.
ސުވާލުތަކަށް ބަދަލު ގެނެވުނު ނަމަވެސް، ވޯޓުލާ ދުވަހަށް އެއްވެސް ބަދަލެއް ނާންނާނެއެވެ. އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެފައިވާ ގޮތުގައި ވޯޓުލުން ކުރިއަށްދާނީ މި މަހުގެ 25 ވަނަ ދުވަހު ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ. އަދި ވޯޓުގެ ނަތީޖާ 26 ވަނަ ދުވަހު އިއުލާންކުރާނެ ކަމަށް އެ ކޮމިޝަނުން ބުނެފައިވެއެވެ.