މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ 135 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި، ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެ އިދާރާއިން ވަނީ ހަރަކާތްތަކެއް ހިންގާފައެވެ. މި ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވަނީ ‘ކަސްޓަމްސް-މުޖުތަމަޢުގެ ބައިވެރިއެއް’ މި ޝިޢާރުގެ ދަށުންނެވެ.
މި ހަރަކާތްތައް ނިންމާލުމުގެ ގޮތުން މިދިޔަ ބުރާސްފަތި ދުވަހު ގުރައިދޫގައި ބޭއްވުނު ހާއްސަ ހަފްލާ ޝަރަފުވެރިކޮށްދެއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ މެންބަރު އަލްފާޟިލް ހުސައިން ރިޒާ އާދަމެވެ. މި ހަފްލާގައި، ކަސްޓަމްސްގެ މުވައްޒަފުން އެއްކޮށްލައިގެން ހޯދާފައިވާ އެހީތައް މަރުކަޒާ ހަވާލުކުރުމުގެ އިތުރުން، މަރުކަޒުގައި ދިރިއުޅޭ ފަރާތްތަކަށް ހާއްސަ ހަދިޔާތަކެއް ވެސް ވަނީ ދީފައެވެ.
ކަސްޓަމްސްއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ހަރަކާތުގެ ތެރެއިން މަރުކަޒުގެ އާބާތުރަ ފިލުވުމުގެ މަސައްކަތްތަކެއް ވެސް ވަނީ ކޮށްފައެވެ. މީގެ ތެރޭގައި ބައެއް އުމްރާނީ މަސައްކަތްތައް ކުރުމާއި، މަރުކަޒަށް ބޭނުންވާ ތަކެތި ހަދިޔާކުރުން ހިމެނެއެވެ.
މި ހަރަކާތްތަކުގައި އެކި ގޮތްގޮތުން އެހީތެރިވެދެއްވި ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން، އެ ފަރާތްތަކަށް ހަނދާނީ ފިލައެއް ވެސް ވަނީ ހަވާލުކޮށްފައެވެ. މި ހަރަކާތްތަކަކީ ކަސްޓަމްސްއިން އިޖުތިމާޢީ ޒިންމާގެ ދަށުން ކުރިއަށް ގެންދިޔަ ހަރަކާތްތަކެކެވެ.