ޝަރްމު-އަލް-ޝައިޚްގައި ހިނގި ހިތާމަވެރި ކާރު އެކްސިޑެންޓުގައި ޤަތަރު ސަރުކާރުގެ ތިން އޮފިޝަލުން ނިޔާވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޤަތަރުގެ އަމީރު ޝެއިޚް ތަމީމް ބިން ޙަމަދް އަލް ޘާނީއަށް ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
މި ހިތާމަވެރި ހާދިސާގައި ނިޔާވެފައިވަނީ ޣައްޒާގައި ހިނގަމުންދާ ގަތުލުއާންމު ނިންމުމަށް މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ބައިނަލްއަޤްވާމީ ސަމިޓަށް ތައްޔާރުވަމުންދިޔަ އަމީރީ ދިވާންގެ އޮފިޝަލުންތަކެކެވެ. މި އެކްސިޑެންޓުގައި އިތުރު ދެ މީހަކަށްވެސް ވަނީ އަނިޔާވެފައެވެ.
ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، މި ހާދިސާއާ ގުޅިގެން ޤަތަރު ސަރުކާރާއި ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ވިދާޅުވެފައިވެއެވެ. އަދި މި ހިތާމަވެރި ވަގުތުގައި ދިވެހި ރައްޔިތުން ތިބީ، މަރުވެދިޔަ މީހުންނާއި އެކި ގޮތްގޮތުން ގެއްލުންތަކާ ކުރިމަތިލާންޖެހިފައިވާ ޢާއިލާތަކާ އެކުގައިކަން އެމަނިކުފާނު ވަނީ ހާމަކުރައްވާފައެވެ.
މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ނިޔާވި އޮފިޝަލުންގެ ޢާއިލާތަކަށް ކެތްތެރިކަން މިންވަރުކުރެއްވުން އެދި ދުޢާކުރައްވާ ކަމަށާއި، ހާދިސާގައި ޒަޚަމްވި މީހުންނަށް އަވަސް ޝިފާއެއް މިންވަރުކުރެއްވުމަށް އެދިވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވެފައިވެއެވެ.