މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ) އަށް ރައްޔިތުންގެ މަޖިލީހުން އައްޔަންކުރައްވާ މެންބަރުންގެ މަގާމަށް 10 ބޭފުޅަކު ކުރިމަތިލައްވައިފިއެވެ. މި މައްސަލަ ދިރާސާކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް ވަނީ ފޮނުއްވާފައެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ޤާނޫނުގެ ދަށުން އުފައްދާފައިވާ މި ކޮމިޝަނަކީ 7 މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޝަނެކެވެ. މީގެ ތެރެއިން 4 މެންބަރުން މީޑިއާތަކުގެ މެދުގައި ބާއްވާ އިންތިޚާބަކުން އައްޔަންކުރާއިރު، 3 މެންބަރުން އައްޔަންކުރާނީ ރައްޔިތުންގެ މަޖިލީހުން ކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.
މަޖިލީހުން އައްޔަންކުރާ މެންބަރުންނަށް އެ ފުރުސަތު ހުޅުވާލީ މިދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ. މުއްދަތު ހަމަވިއިރު ކުރިމަތިލައްވާފައިވާ ފަރާތްތަކުގެ ތެރޭގައި މީޑިއާ ރެގިއުލޭޝަން ޤާނޫނަށް ގެނައި އިސްލާހާއެކު އުވިފައިވާ މޯލްޑިވްސް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަންގެ އިސްބޭފުޅުންވެސް ހިމެނެއެވެ.
މިހާރު ހޮވިފައިވާ މެންބަރުން
މީޑިއާ ކޮމިޝަނަށް ބްރޯޑްކާސްޓަރުންނާއި އެހެނިހެން މީޑިއާތަކުން އިންތިޚާބުކުރާ 4 މެންބަރުން މިހާރު ވަނީ ހޮވިފައެވެ. އެގޮތުން، ބްރޯޑްކާސްޓަރުން ތަމްސީލުކުރާ މެންބަރުކަމަށް ޢަބްދުލްޢަޒީޒް އިބްރާހީމާއި ޒަމްޢަތު އަޙްމަދު ވަޙީދު ހޮވިފައިވާއިރު، އެހެން މީޑިއާތައް ތަމްސީލުކުރާ މެންބަރުކަމަށް ސިމާޙާ ނަސީމާއި ޙުސައިން ޘަޤީފް ވަނީ ހޮވިފައެވެ.
މަޖިލީހުން އައްޔަންކުރާ މެންބަރުންގެ މަޤާމަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ
- ފާތުމަތު ފަހުމީ،
- މުހައްމަދު ފަރުޝަތު،
- ސަފާ ޝަފީގު،
- އާމިނަތު ސަރާހަތު އިއްޒަތު،
- އިބްރާހިމް މުހައްމަދު،
- މޫސާ ރިލްވާން،
- ފާރިސް ތޯހާ،
- ޝެހެނާޒް އަދުނާން،
- މުހައްމަދު ޝާމިން
- ޝަފީގާ ނައީމް