މައިމީހާގެ ފަރާތުން ތުއްތު ދަރިފުޅަށް ޖެހޭ ބަލިތަކުގެ ތެރެއިން 3 ބައްޔެއް ނައްތާލެވުނު ފުރަތަމަ ޤައުމަކަށް ދިވެހިރާއްޖެ ވެފައިވާތީ، މި ކާމިޔާބީ ހޯދުމަށް މަސައްކަތްކުރި ސިއްޙީ އެހީތެރިންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝުކުރު އަދާކުރައްވައިފިއެވެ.
ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ (ޑަބްލިއުއެޗްއޯ) އާއެކު ރާއްޖޭގެ ސިއްޙީ ދާއިރާއިން ގައިން ގަޔަށް އަރާ އެކި ބަލިތަކާ ދެކޮޅަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، މީގެ ކުރިން އެޗްއައިވީއާއި ސިފިލިސް ބަލި ނައްތާލުމަށްފަހު، މިހާރު ވަނީ ހެޕަޓައިޓިސް ބީވެސް ނައްތާލެވިފައެވެ. މިއީ ޑަބްލިއުއެޗްއޯއިން ކަނޑައަޅާފައިވާ މިންގަނޑާ އެއްގޮތަށް މި ތިން ބަލި އެއްކޮށް ނައްތާލެވުނު ފުރަތަމަ ޤައުމެވެ.
މި ތާރީޚީ ކާމިޔާބީއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، “މިއީ ތާރީޚީ ދުވަހެއް، އެޗްއައިވީ، ސިފިލިސް އަދި ހެޕަޓައިޓިސް ބީ ނައްތާލެވުނު ފުރަތަމަ ޤައުމަކަށް ރާއްޖެވުމަކީ ސިއްޙީ ދާއިރާއިން ހޯދި ވަރަށް ބޮޑު ކާމިޔާބީއެއް” ކަމަށެވެ.
ރާއްޖޭގެ ސިއްޙީ ދާއިރާއިން ގައިން ގަޔަށް އަރާ ބަލިތަކާ ދެކޮޅަށް ޤައުމީ ފެންވަރުގައި ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން، މީގެ ކުރިންވެސް މެލޭރިއާ، ހިމަބިސް އަދި ލިންފަޓިކް ފައިލޭރިއާސިސް ފަދަ ނުރައްކާތެރި ބަލިތައް ވަނީ ނައްތާލެވިފައެވެ. އަދި މި ބަލިތަކާ ދެކޮޅަށް ކާމިޔާބު ޤައުމީ ވެކްސިން ކެމްޕޭނެއް މިހާރުވެސް އަންނަނީ ކުރިއަށް ގެންދެވެމުންނެވެ.
މި ކާމިޔާބީއަކީ ރާއްޖޭގެ ސިއްޙީ ދާއިރާއަށް ލިބުނު އިތުރު ކުރިއެރުމެއްގެ ގޮތުގައި ފާހަގަކުރެވޭއިރު، މި ނަތީޖާ ހާސިލުކުރުމަށް އެތައް އަހަރެއްގެ މަސައްކަތާއި ގިނަ ސިއްޙީ އެހީތެރިންގެ މިންނެތް ހިތްވަރު ހިމެނިފައިވާކަން ފާހަގަކުރެވެއެވެ.