ށ. ފޭދޫގައި އަލަށް އިމާރާތްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅައިފިއެވެ. އެ މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއެވެ.
އެ ސެންޓަރުގެ ބިންގާ އަޅާފައި ވަނީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ށ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، މިއަދު ހެނދުނު އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
އެ ރަސްމިއްޔާތުގައި އެރަށު ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު އަބްދުﷲ ރާފިއުއެވެ.
ރައީސްގެ މި ދަތުރުފުޅަކީ ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާއި ރަށްތަކާއި ސިޓީތަކުގެ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން އެ މަނިކުފާނު ކުރައްވާ ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި، ރައީސްގެ އަރިހުގައި ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.