ޒިއާމް އަކީ 3 ކުދިންގެ އެކަނިވެރި ބައްޕައެކެވެ. އުއްމީދުތަކަކުން އުޖާލާވި ދުނިޔެ ސްޓްރޯކެއްގެ އަނދިރިކަމުގައި، މަސައްކަތް ކުރަމުން ދިޔަ ޒުވާން ހަށިގަނޑު ބަލިކަށިވެފައި ވިޔަސް ޒިންމާތައް މަދެއް ނުވެއެވެ. ޒިއާމް އެދެނީ އިންޑިއާ އަށް ދިއުމާއި 6 މަސްދުވަހުގެ ފަރުވާއަށް ދީލަތި އެހީ އަކަށެވެ.
އުއްމީދުގެ އައްސޭރިއަށް ދެވޭނެކަމުގެ އުއްމީދުގައި ޒިއާމްގެ ހިތްވަރުގަދަ ދަތުރު؛
ދިވެހި މުޖުތަމަޢުގެ ތެރެއިން އަޅުގަނޑުމެންނަށް ބޭސްފަރުވާގެ ކަންކަމުގައި މީހުން އުޅޭ ހާލު ފެންނަލެއް މަދެއްނޫނެވެ، ކޮންމެދުވަހަކުވެސް ކޮންމެވެސް އާ ވާހަކައެއްގެ އަޑު އިވެއެވެ. މަންޒަރު ފެނެއެވެ. ސަރުކާރުގެ އެހީލިބޭ މީހުންނާއި ނުލިބިގެން އުޅޭމީހުންނެވެ، ބޭނުންވާ ވަރަށް އާސަންދައިގެ އެހީ ނުލިބޭ ވާހަކައާއި ބައެއް ފަހަރު ލިބޭ ވާހަކައެވެ. އެންސްޕާ އާއި އާސަންދައަށް ހިނގާ ހިނގާ ބަލިމީހާ އިތުރަށް ބަލިވާ ފަހުން ޖަވާބުލިބޭ ވާހަކައެވެ. މިހެން އިވެމުންދިޔަ އެތައް ބައެއްގެ ވާހަކައިގެ ތެރެއިން އިންތިހާއަށް ހިތަށް އަސަރު ކުރުވީ ދާދި ކައިރި މާޒީއެއްގއި އަމިއްލަ ދެފައިގެ ބާރުގައި، އަމިއްލަ އާއިލާ އާއި އަނބިދަރިންގެ ޒިންމާ ކޮނޑަށް ނަގައިގެން ދިރިއުޅުން ނުހަނު ނަލަކޮށް ގެންދަމުން ދަނިކޮށް ދިމާވި އެހާދިސާ އޭނާގެ އުއްމީދުތަކުގެ ދުނިޔެ ބަނަކޮށް އަނދިރިކޮށްލީއެވެ.
އެއްއިރެއްގައި މޯލްޑިވިއަން ގައި ވަޒީފާ އަދާ ކުރަމުންދިޔަ ހިތްވަރުގަދަ ޒުވާނާ މިއަދު މިވަނީ ޖެހުނު ސްޓްރޯކްގެ ސަބަބުން ދިރިއުޅުމުގެ އެތައް ދަތިތަކަކާ ކުރިމަތިލާންޖެހިފައެވެ. މިއީ ޒިއާމް ޢަބްދުލް ހާދީގެ ވާހަކައެވެ. ތިން ކުދިންގެ އެކަނިވެރި ބައްޕައެއްގެ ގޮތުގައި މިއަދު ދިރިއުޅުމުގެ ހަގީގަތާ ކުރިމަތިލަމުންދާއިރު، ދިރިއުޅުމުގެ އެންމެ އުޖާލާ ދުވަސްވަރު ކުރިމަތިވި މި ނުކުޅެދުންތެރި ބަލިން އަރައިގަތުމަށް މިއަދު ވަނީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހިފައެވެ.
ކުއްލި ހާދިސާއެއް، ބަދަލުވެގެންދިޔަ ދިރިއުޅުމެއް
2021 އޮގަސްޓް 27 ވަނަ ދުވަހުގެ ހަވީރު، ޑިއުޓީއަށް ދިއުމަށް ޔުނިފޯމް ލައިގެން ތައްޔާރު ވަމުން ދަނިކޮށް ކުރިމަތިވި ސްޓްރޯކްގެ ސަބަބުން، އެންމެ 15 މިނެޓްތެރޭގައި ހުޅުމާލެ ހޮސްޕިޓަލަށް ގެންދެވުނު ޒިއާމްގެ ހާލަތު ވަނީ ސީރިއަސްވެފައެވެ. އޭގެފަހުން އޭ.ޑީ.ކޭ ހޮސްޕިޓަލަށް ބަދަލުކުރެވި، އައި.ސީ.ޔޫގައި އެއް ހަފްތާ ހޭދަކުރުމަށްފަހު، ސްޕެޝަލް ވޯޑުގައި ދެ މަހާ ގާތަށް އެނދުމަތިވެފައި އޮތެވެ.
އިންޑިއާގެ ފަރުވާ އަދި މިހާރުގެ ހާލަތު
ރާއްޖޭގައި ލިބެންހުރި ފަރުވާތަކަށްފަހު، ޒިއާމް ގެންދެވުނީ އިންޑިއާގެ ކޮޗިންގައި ހުންނަ އަމްރިތާ ހޮސްޕިޓަލަށެވެ. އެތަނުގައި 4 މަސްދުވަހުގެ ފަރުވާގެ ތެރޭގައި ކޮންމެވެސް ވަރަކަށް ލިބުނު ފަރުވާއިން ކުރެވުނު ކަމަކީ ކިރިޔާ ފުރާނަ ސަލާމަތްކުރެވޭ ވަރުވުމެވެ. ރާއްޖެ އައުމަށްފަހު ގދ. ގައްދޫ އަދި ހދ. މަކުނުދޫގައި ޖުމްލަ 6 މަސްދުވަހުގެ ދިވެހި ބޭސްފަރުވާ ކުރެވުނެވެ.
މިއަދުގެ ގޮންޖެހުންތައް
މިވަގުތު ޒިއާމްގެ އެންމެ ބޮޑު އެހީތެރިއަކީ އޭނާގެ މަންމައެވެ. އެހެން ގާތްތިމާގެ މީހުންގެ އެހީތެރިކަމެއް ނެތް ހާލުގައި، މަންމަ އެކަނި ދަނީ އޭނާއަށް ޚިދުމަތް ކުރަމުންނެވެ. ޑޮކްޓަރުންގެ ލަފާގައި އިތުރު 6 މަސްދުވަހުގެ ފަރުވާއެއް އިންޑިއާގައި ކުރަން ޖެހޭކަމަށް ބުނެފައިވާއިރު، ޒިއާމަށް މިވަނީ މާލީ ގޮތުން ދަތިތަކާ ކުރިމަތިލާންޖެހިފައެވެ. އާއިލާއިން އެހީތެރިވާންވެސް އަޅާލަންވެސް އިނީ އުމުރުން ދުވަސްވެފައި އިން ބަލި މަންމައެކެވެ. ދެން ހެޔޮ އެދޭ ރައްޓެއްސެއް ނޫނީ ޒިއާމްގެ ދެން ތިބީ ކުޑަ 3 ކުދިންނެވެ. އެކުދިންނަކަށް ޒިއާމްގެ ބޭސްފަރުވާއަށް އަދި އެއްވެސް ކަމެއް ކޮށްދެވޭކަށް ނޯންނާނެތާއެވެ.
(ތިރީގައި މިވަނީ ޒިއާމްގެ ބައްޔާއި ފަރުވާއަށް އަންގާފައިވާ ލިޔުންތައްވެސް)
އެހީތެރިކަމުގެ ބޭނުންވެފައިވާ މިންވަރު
އެންސްޕާ މެދުވެރިކޮށް ކޮންމެވެސް ވަރެއްގެ އެހީތެރިކަމެއް ލިބޭނެކަމުގެ އުއްމީދު އޮތް ނަމަވެސް، ޑޮކްޓަރުގެ އެޕޮއިންޓްމަންޓް ލިބުމާ ހަމައަށް އެ މަސައްކަތްވެސް ވަނީ މަޑުޖެހިފައެވެ. އާސަންދަ އެންސްޕާއަށް ފޯމު ހުށަހަަޅާފައި އެހީ ލިބުނު ނަމަވެސް 6 މަސްދުވަސް އިންޑިއާގައި ހުރުމަކީ ފަސޭޙަ ކަމެއް ނޫނެވެ، އެހީތެރިއަކު ހުރުން މަޖުބޫރު ކަމަށްވުމުން އެމީހާގެ ކަންތައްތައްވެސް ބަލަހައްޓަން ޖެހެއެވެ.
އަދި މިފަރުވާ އަށް އެތައް ބައެއްގެ ދީލަތި އެހީ ބޭނުންވާނެއެވެ. އާސަންދަ އެހީދެނީ ހަމައެކަނި ބޭހަށެވެ. ބޭސްސިޓީގައި ހުންނަ ބޭހަށެވެ. ހުރުމާއި ކެއުމާއި ދަތުރު، އެހީތެރިޔާގެ ހަރަދު މިއިން ކަންކަމަށް ނޫނެވެ. އެންސްޕާ ދެނީ މިކަމަށް ޓިކެޓެވެ.. ބާކީ ކަންކަން ހަމަޖައްސާނެ ގޮތެއް ނެތް މީހެއްނަމަ އެދެނީ އާންމުންގެ އެހީއަށެވެ، ޒިއާމްގެ ހާލަތުވެސް މިއަދު ހުއްޓިފައި އެހެރީ އެހިސާބުގައެވެ. އެހީއަށް އެދެނީ އިންތިހާއަށް އާދޭހާއެކުގައެވެ.
ތިން ކުދިންގެ ޒިންމާ އުފުލަމުން، އަމިއްލަ ފަރުވާއަށް ބޭނުންވާ ޚަރަދުތައް ހަމަޖެއްސުމަކީ މިވަގުތު ޒިއާމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމެވެ.
ޒިއާމްގެ ހާލަތަކީ އަޅުގަނޑުމެންގެ މުޖުތަމަޢުގެ ފެންނަން އޮތް ހަގީގަތެކެވެ. އެކަނިވެރި ބައްޕައަކަށް ދަރިންނަށް އަޅާނުލެވޭ ކަމުގެ އިހުސާސަކީ ކިހާ ހިތްދަތިކަމެއްކަން އެނގޭނީ އެކަން ފެނި އެނގިފައިވާ މީހަކަށެވެ. އެހެންނަމަވެސް އަންދާޒާ ކުރުމުން ހިތަށް އަސަރުކުރާވަރުވެއެވެ.
ޒިއާމްގެ ފަރުވާއަށް ބޭނުންވާ 6 މަސްދުވަހުގެ ޚަރަދާއި، އެ މުއްދަތުގައި ދަރިން ބެލެހެއްޓުމަށް ބޭނުންވާ އެހީތެރިކަން ހޯދުމަކީ މިވަގުތު އެންމެ މުހިންމު ކަމެވެ. މުޖުތަމަޢުގެ ފަރާތުން ލިބޭ ކޮންމެ އެހީތެރިކަމަކީ ޒިއާމްގެ ފަރުވާއަށާއި، އޭނާގެ ތިން ކުދިންގެ މުސްތަޤްބަލަށް އެޅޭ ހަރުދަނާ ބިންގަލަކަށް ވެގެންދާނެއެވެ.
ހަމައެންމެ ކުޑަކުޑަ އެހީއަކީވެސް ބޮޑު ބަދަލެއްގެ އަސްލަކަށް ވެދާނެއެވެ.
ﷲ ތައާލާ އެއްވެސް އަޅަކު އޭނާގެ އަޚާއަށް ވެދޭ އެހީއެއް ބޭކާރުކޮށްނުލައްވާނެތެވެ. ޒިއާމްގެ އާދޭހަކީ އޭނާގެ ކުޑަ 3 ކުދިންގެވެސް އަޑެވެ. އޭނާގެ މަންމަގެ ވެސް އަޑެވެ. ހެޔޮއެދޭ މިތުރުންވެސް އަޑެވެ. ﷲއަށްޓަކައި މި ޒުވާނާގެ ފަރުވާއަށް އެހީތެރިކަމެއް ފޯރުކޮށްދެއްވުން އެދި އާދޭސް ދަންނަވަމެވެ.
ޒިއާމް އަބްދުﷲ ހާދީ – ގުޅޭނެ ނަންބަރު؛ 7774537
ޒިޔާމް އަބުދުލް ހާދީ އަކީ ވަރައްވެސް ހިއްވަރުގަދަ ޒުވާނެކެވެ އަމިއްލަ މަސައްކަތުން 3 ކުދިންނާއި މުސްކުޅި މައްމައެއް ބަލަމުން ދަނިކޮށް ކުއްލިޔަކައް ދިމާވި ސިއްޙީ ހާލަތަކުން މިއަދު ޒިޔާމް އަށް ވަނީ ދުނިޔެ އަދިރިވެފައެވެ ނަމަވެސް ހިއްވަރާއިއެކު އަދިވެސް މަސައްކަތް ކުރަމުން ދަނީ އެހެންމީހުންނެކޭ އެއްފަދައިން ދުނިޔޭގައި އުޅެވޭތޯއެވެ އެހެނަސް އެކަން ކުރެވެން އޮތީ ތިއެންމެންގެވެސް އެހީތެރިކަމާއި އެކުއެވެ ބޭނުންވަނީ އެންމެންގެ އެހީތެރިކަމެވެ ﷲ ސުބުހާނަހޫ ވަތައާލާ ތިއެންމެންގެ ދީލަތި އެހީއާއި އެކު ޒިޔާމް އަށް އަވަސް ޝިފާއެއް މިންވަރު ކުރައްވާށި އާމީން.