ތިނަދޫސިޓީގެ މިޔުޒިޔަމް ޕާކުގެ އިމާރާތެއްގައި އަލިފާން ރޯވެއްޖެއެވެ.
އިމާރާތުގައި ރޯވި މި އަލިފާން ނިއްވުމަށް ފަޔަރ ފައިޓަރުން ކުރި މަސައްކަތް ކާމިޔާބުވެ. މިހާރު އަލިފާން ކޮންޓްރޯލު ކުރެވިއްޖެ ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ.
މޫސުން ގޯސްވެފައިވާތީ، އަލިފާނުގެ އަސަރު ސީދާ ނުފެނުނު ނަމަވެސް، އެ ސަރަހައްދުން ދުން އަރަމުންދާކަން ފާހަގަ ކުރެވިފައި ވެއެވެ. އަލިފާން ރޯވި އިމާރާތަކީ ކަރަންޓު ސާމާނާއި ބޮކި ފަދަ ތަކެތި ރައްކާކޮށްފައި ހުންނަ އިމާރާތެކެވެ. އަދި އެއީ މީހުން ދިރިއުޅޭ ތަނެއް ނޫންކަން ވެސް ފާހަގަކުރެވެއެވެ.
މިޔުޒިޔަމް ޕާކަކީ ތިނަދޫގައި މީހުން އަލުން އާބާދުވިތާ 55 އަހަރު ފުރުމުގެ މުނާސަބަތުގައި ތަރައްޤީކުރި މަޝްރޫއެކެވެ. މި ޕާކުގައި ކުޑަކުދިންގެ ޕާކަކާއި، ވޯޓަރ ޕާކަކާއި އަދި ފަސް އިމާރާތް ހިމެނެއެވެ. މިއީ ތިނަދޫގައި ދެވަނަ ފަހަރަށް މީހުން އާބާދުވި ހަނދާނުގައި ތަރައްޤީކުރި ތަނެއް ނަމަވެސް، މިހާރު އެތަން ވަނީ ބަންދުކުރެވިފައެވެ. ލަފާކުރެވޭ ގޮތުގައި އަލިފާން ރޯވާން ދިމާވީ އިލެކްޓްރިކް ޝޯޓެއްގެ ސަބަބުން ކަމަށްވެއެވެ.
އެމްޓީސީސީއާ ހަވާލުކޮށްގެން ތަރައްޤީކުރި މި މަޝްރޫއުގައި މިޔުޒިޔަމްއެއް، ކުޅިވަރު ކުޅޭ ސަރަހައްދެއް، އޯޑިޓޯރިއަމްއެއް، ލައިބްރަރީއެއް އަދި ދަސްކުރުމުގެ މަރުކަޒެއް ހިމެނެއެވެ.
މި ހާދިސާއާ ގުޅިގެން އެއްވެސް މީހަކަށް އަނިޔާވި ކަމެއް އަދި އެނގިފައެއް ނުވެއެވެ. އަދި ގެއްލުމުގެ މިންވަރު ބެލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ކަމާބެހޭ ފަރާތްތަކުން މަޢުލޫމާތު ދެއެވެ.

