މިލަދުންމަޑުލު އުތުރުބުރީ ނަރުދޫގައި އަލަށް އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ ޢަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ. މި މަޝްރޫޢުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެ ވަޑައިގެންނެވިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހާރު ކުރައްވަމުން ގެންދަވާ މިލަދުންމަޑުލު އުތުރުބުރީގެ ރަށްތަކުގެ ދަތުރުފުޅުގެ ތެރެއިން ނަރުދޫއަށް ވަޑައިގެން ބޭއްވެވި ރަސްމިއްޔާތުގައި، މަރުކަޒުގެ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާންއެވެ.
މި މަޝްރޫޢުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ވަނީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑާ ޙަވާލުކޮށްފައެވެ. މި މަރުކަޒަކީ ސަރުކާރުން ކުރިއަށްގެންދާ ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ މަރުކަޒު ގާއިމުކުރުމުގެ މަޝްރޫޢުގެ ދަށުން އިމާރާތްކުރެވޭ މަރުކަޒެކެވެ.
ސަރުކާރުން ވަނީ އަންނަ ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ މަރުކަޒުތައް ގާއިމުކޮށް، ދިވެހި ފުލުހުންގެ ޚިދުމަތް ފޯރުކޮށްދިނުމަށް އަމާޒު ހިފާފައެވެ. މި އަމާޒު ޙާޞިލުވުމުން، އަމާން މުޖުތަމަޢެއް ބިނާކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ދެކެއެވެ.