ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ބިދޭސީންނަށް އަމާޒުކޮށްގެން، ޓާސްކްފޯސްއިން ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސް 12 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިމިގްރޭޝަނުން ބުނީ އެއްޔެ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ގަވާއިދާ ހިލާފަށް ވިޔަފާރިތައް ހިންގާ އަދި އެފަދަ ތަންތަނުގައި މަސައްކަތްކުރާ ބިދޭސީންނަށް އަމާޒުކޮށްގެން، ޓާސްކްފޯސްއިން ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާކަމަށެވެ އަދި މި އޮޕަރޭޝަނުގައި 12 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
މީގެ ތެރޭގައި ހިމެނެނީ:
- ވަޒީފާ ދިން ފަރާތަށް ފިލައިގެން އުޅޭ 5 މީހުން
- ބިދޭސީން ރެކްރޫޓްކޮށް އެޖެންޓުންގެ ގޮތުގައި ހަރަކާތްތެރިވަމުންދިއަ 3 މީހުން
- ދޫކޮށްފައިވާ ހުއްދައިގެ ބޭރުން މަސައްކަތްކުރަމުންދިއަ 4 މީހުން
ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީން ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މިހާތަނަށް 132 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
ރާއްޖެއަށް ކުރިމަތިވެފައިވާ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް، 3 މަރުޙަލާއަކަށް ބަހާލައިގެން ސަރުކާރުގެ ކަމާ ގުޅުންހުރި ހުރިހާ އިދާރާއަކުން އަންނަނީ މަސައްކަތް ކުރައްވަމުންނެވެ. މިގޮތުން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ މި އޮޕަރޭޝަންގައި މޯލްޑިވްސް އިމިގްރޭޝަނާއި ދިވެހި ފުލުހުންގެ ޚިދުމަތުން އަންނަނީ އިސްދައުރެއް އަދާކުރައްވަމުންނެވެ.
ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ބިދޭސީންގެ ތެރެއިން 178000އަށްވުރެ ގިނަ ބިދޭސީންގެ މަޢުލޫމާތުވަނީ އާންމުކޮށްފައެވެ. ބިދޭސީންނާއި ގުޅުންހުރި ފީތައް ނުދައްކާތީ 8000 އަށްވުރެ ގިނަ ވަޒީފާދޭ ފަރާތްތައްވަނީ އެކްސްޕެޓް ސިސްޓަމުން ސަސްޕެންޑުކޮށްފައެވެ.
ގަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން ހޯދާ ޑީޕޯޓުކުރުމުގެ މަސައްކަތް މިދިޔަ ސެޕްޓެންބަރު މަހުގެ ތެރޭގައި ދިވެހި ފުލުހުންގެ ޚިދުމަތާއި ގުޅިގެން މޯލްޑިވްސް އިމިގްރޭޝަނުންވަނީ ފަށްޓަވާފައެވެ.