ށ. ނަރުދޫގެ ތަރައްޤީއަށް ފަށާފައިވާ މަސައްކަތްތައް ވެވަޑައިގެންފައިވާ ވަޢުދާއެއްގޮތަށް ފުއްދުމުގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށްދާނެ ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ ށ. އަތޮޅަށް ފަށްޓަވާފައިވާ ދަތުރުފުޅުގައި އެއަތޮޅު ނަރުދޫއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވީ ނަރުދޫގެ ތަރައްޤީއަށް ފަށާފައިވާ މަސައްކަތްތައް ވެވަޑައިގެންފައިވާ ވަޢުދާއެއްގޮތަށް ފުއްދުމުގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށްދާނެކަމަށާއި، އެގޮތުން އެރަށު ސްކޫލަށް ދިމާވެފައިވާ ޖާގައިގެ މައްސަލަ ހައްލުކުރުމަށް 4 ކަލާސްރޫމްއާއި މަލްޓިޕާޕަސް ހޯލުގެ މަސައްކަތް މިމަހުގެ ތެރޭގައި ބަޔަކާ ހަވާުލުކޮށް މިއަހަރުގެ ތެރޭގައި އެކަމުގެ އަމަލީ މަސައްކަތް ފަށްޓަވާނެކަމަށާއި، ފުޓްބޯޅަ ދަނޑު ތަރައްޤީކުރުމަށް އެ މަސައްކަތް ކުރާނެ ބަޔަކު ހޯދުމަށް އިޢުލާންކޮށްފައިވާކަމަށާއި އަދި ފުޓުބޯޅަ ދަނޑު ތަރައްޤީކުރާނީ ޒަމާނީ ފެންވަރަށް ހުރިހާ ވަސީލަތެއް ހަމަކޮށްކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން ރައީސް ވަނީ މި މަޝްރޫޢޫ މިއަހަަރުގެ ތެރޭގައި ޢަމަލީގޮތުން ފަށްޓަވާނެކަމުގެ ޔަޤީންކަންވެސް ދެއްވާފައެވެ. އަދި ފުޓްސަލް ދަނޑު މަރަމާތުކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާނެކަން ފާހަގަކުރައްވަމުން ރައީސް ވަނީ އެރަށުގައި ހޭންޑް ބޯޅަ ކޯޓު ތަރައްޤީކުުރުންވެސް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާނެކަމަށް ވިދާޅުވެފައެވެ.
ރައީސްގެ ވާހަކަފުޅުގައި ކައުންސުލްގެ އައު އިމާރާތެއްވެސް އެރަށުގައި އެޅުމަށް ވެސް ވަނީ ނިންމާފައެވެ. އަދި ނަރުދޫގައި ދިމާވެފައިވާ ނަރުދަމާގެ މައްސަަލަ ހައްލުކުރުމަށްޓަކައި ފެނަކައިން އަލުން އެ މަސައްކަތް ފަށާނެކަމަށްވެސް ވިދާޅުވިއެވެ. އަދި އަންނަ މަހުގެ ތެރޭގައި އެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށްގެންދާނެކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.
މީގެއިތުރުން ނަރުދޫގެ ސިއްޙީ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާރްޑީސީއާ ހަވާލުކޮށްފައިވާއިރު، އެރަށު ގޮނޑުދޮށް ހިމާޔަކުރުމުގެ މަސައްކަތް ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކެޓިން ކޮމްޕެނީ އެމްޓީސީސީއާ ޙަވާލުކޮށްފައެވެ.