ށ. މަރޮށީގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ.
މަރޮށީ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ހަސަން ރަޝީދެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައުދީއެވެ.
998 މީހުންގެ އާބާދީއެއް އޮންނަ މަރޮށްޓަކީ ފަރުމަސްވެރިކަމާއި، ގެސްޓްހައުސް ވިޔަފާރިއާއި ފަންގި ވިނުމުން އާމްދަނީ ހޯދާ ރައްޔިތުންތަކެއް ދިރިއުޅޭ ރަށެކެވެ. އެމްޓީސީސީން ފާހަގަކުރި ގޮތުގައި މި ރަށަކީ ރަށްގިރުމުގެ މައްސަލަ ވަރަށް ބޮޑަށް ކުރިމަތިވެފައިވާ ރަށެކެވެ. މި ސަބަބާހުރެ ރަށުގެ ހޭޅިފަށަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބެމުންނެވެ.
ވޭތުވެދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި 30 ރުއް ވެއްޓި، ފަންގި ވިނުމުން އާމްދަނީ ހޯދާ ރައްޔިތުންނަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. މި މަޝްރޫޢުގެ ދަށުން 14.50 ހެކްޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއި، 669 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 389 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ކުރެވޭނެއެވެ.
148.57 މިލިއަން ރުފިޔާގެ މި މަޝްރޫޢު 360 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢު ނިމުމުން ގޯތިގެދޮރު އެޅުމަށާއި ގެސްޓްހައުސް ވިޔަފާރި ކުރުމަށް އިތުރު ބިން ރަށުން ލިބި، ރަށުގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް މަގުފަހިވެގެންދާނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.