އާންމުކޮށް ބޭނުންކުރާ ފައިދާ ހުރި ކާނާ ހެޔޮއަގުގައި ދާއިމީ ގޮތެއްގައި ބާޒާރުން ލިބޭނެކަން ކަށަވަރުކުރުމުގެ ޢަމަލީ މަސައްކަތް މިހާރު ފެށިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާ ގުޅުވައިގެން މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މިކަން ހާމަކުރެއްވިއެވެ.
ރައްޔިތުންގެ ސިއްޙީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ސަރުކާރުން އަޅުއްވާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި، ދުންފަތާއި ވޭޕްގެ ބާވަތްތަކުން ރައްޔިތުން ދުރުހެލިކުރުމުގެ މަސައްކަތް ހިމެނެއެވެ. މީގެ މައިގަނޑު މަޤްޞަދަކީ ހަށިގަނޑަށް ގެއްލުން ލިބޭ ކެއިންބުއިމުގެ އާދަތަކާ ރައްޔިތުން ދުރުހެލިކުރުވުން ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
މި މަހުގެ 15 ވަނަ ދުވަހު ސަރުކާރުން ވަނީ އަސާސީ ކާބޯތަކެތީގެ ލިސްޓަށް މޭވާ އަދި ތަރުކާރީ އިތުރުކޮށް، އެސްޓީއޯ މެދުވެރިކޮށް ބާޒާރަށް ނެރެފައެވެ. “މިއީ ރާއްޖޭގައި ޢާއްމުކޮށް ބޭނުންކުރާ ފައިދާހުރި ރަނގަޅު ކާނާ ހެޔޮއަގެއްގައި އަބަދުވެސް ބާޒާރުން ލިބުމަށް މަގުފަހިކޮށްދިނުމަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅެއް” ކަމަށް ރައީސް ވިދާޅުވިއެވެ.
އަސާސީ ކާބޯތަކެތީގެ ލިސްޓަށް އަލަށް އިތުރުކުރެވުނު 23 ބާވަތުގެ ތެރޭގައި 10 ބާވަތެއްގެ މޭވާއާއި 10 ބާވަތެއްގެ ތަރުކާރީގެ އިތުރުން، ރީނދޫ، މުގު، ކާށި އަދި ކުކުޅުބިސް ހިމެނެއެވެ. މި ތަކެތި އެސްޓީއޯ މެދުވެރިކޮށް އެތެރެކޮށް، ހިފެހެއްޓިފައިވާ އަގެއްގައި ވިއްކަން މިހާރު ވަނީ ފަށާފައެވެ.
ރައީސް މުޢިއްޒު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ބަލިތަކާ ދުރުހެލި ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށާއި، ދަރީންނަކީ ޞިއްޙަތު ރަނގަޅު ކުދިންތަކަކަށް ހެދުމަށް އެންމެ މުހިންމީ ކެއިންބުއިމުގައި ސިއްޙީ އާދަތައް ހިފެހެއްޓުމެވެ. މިކަމަށްޓަކައި ޤައުމީ ފެންވަރުގައި ރައްޔިތުން ހޭލުންތެރިކުރުމުގެ މަސައްކަތް ފުޅާ ދާއިރާއެއްގައި ކުރިއަށް ގެންދާނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.