ށ. މާއުނގޫދޫ ސިއްހީ މަރުކަޒުގެ އައު އިމާރާތް ނިމި ގިނަ ވަސީލަތްތަކާއެކު ހިދުމަތް ފެށިގެންދާއިރު 24 ގަޑިއިރު ހިދުމަތްދޭ ތަނަކަށް އެތަން ބަދަލުކުރަން ނިންމާފައިވާ ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ ށ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އެއަތޮޅު މާއުނގޫދޫއަށް ވަޑައިގެން ރައްޔިތުންނާ އެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ށ. އަތޮޅުގެ ހުރިހާ ރަށަކަށް ރައީސް ކުރެއްވި ދަތުރުފުޅުގެ އެންމެ ފަހު މަންޒިލް ކަމަށްވާ މާއުނގޫދޫއަށް މިއަދު ވަޑައިގެން ރައީސް ވިދާޅުވީ ވިއްސާރަވުމުގެ ސަބަބުން މިއަދު އެރަށުގައި އަމަލީ މަސައްކަތް ފަށަން ނިންމާފައިވާ އެއްވެސް މަޝްރޫއެއް ފެށޭގޮތް ނުވި ކަމަށެވެ. ބޮޑު އިވެންޓެއް ބާއްވައިގެން މަސައްކަތް ނުފެށުނަސް، މަސައްކަތްތައް ފެށިގެން ކުރިއަށްދާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
މާއުނގޫދޫގައި ސިއްހީ މަރުކަޒުގެ އެކްޝަން އިމާރާތާއި، ކައުންސިލް އިދާރާގެ އާ އިމާރާތް އަދި ސްކޫލަށް 4 ބުރީގެ އާ އިމާރާތުގެ އިތުރުން ކީރިތި ގުރުއާނާއި ބެހޭ އިދާރާގެ ގޮތްޕެއް ގާއިމުކުރުމާއި ފުލުހުންގެ އިމާރާތް އަދި ފިޓްނަސް އެންޑް ރީކްރިއޭޝަން ސެންޓަރުގެ އަމަލީ މަސައްކަތް މިއަދު ފަށަން ތާވަލްކުރެވިފައިވާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި ތާވަލްކޮށްފައިވާ ފަދައިން މަސައްކަތްތައް ވެސް ކުރިއަށްދާނެކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ.
މާއުނގޫދޫ ސިއްޙީ ދާއިރާއަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ، ސިއްޙީ މަރުކަޒުގެ އައު އިމާރާތުގެ ސަބަބުން އައު ޚިދުމަތްތައް ދިނުމަށް މަގުފަހިވާނެކަމަށެވެ. އަދި ސިއްޙީ މަރުކަޒުގެ އައު އިމާރާތާއެކު، ސިއްޙީ މަރުކަޒުގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކުރުމަށް ގަސްދުކުރައްވާކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.
މާއުނގޫދޫގައި މިވަގުތު ހިނގަމުންދާ މަޝްރޫޢުތަކަށް އިޝާރާތްކުރައްވާ ރައީސް ވަނީ އެރަށުގައި ހުއްޓިފައިވާ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް އަވަސްކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ. މިއީ ކުރީ ސަރުކާރުން އަމިއްލަ ކުންފުންޏަކާ ޙަވާލުކޮށްފައިވާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދެބައިކުޅަ އެއްބައި މަސައްކަތް ކުރިއަށްގެންދިއުމަށްފަހު އޮތީ ހުއްޓާލާފައެވެ.
ރައީސް ވިދާޅުވީ މާއުނގޫދޫ ރައްޔިތުން އެދޭގޮތަށް ބަނދަރުގެ މަސައްކަތްވެސް ނިންމައިދެއްވާނެކަމަށާއި، ގިރާ ސަރަޙައްދު ހިމާޔަތްކުރުމުގެ މަޝްރޫޢު ކުރިއަށްގެންދާއިރު ރައްޔިތުން އެދިފައިވާގޮތަށް މޫދަށް އެރޭނެ ސަރަޙައްދެއްވެސް ޤާއިމުކޮށްދެއްވާނެކަމަށެވެ. މީގެ އިތުރުން ރައީސް ވަނީ މާއުނގޫދޫގައި ފުޓުބޯޅަ ދަނޑެއް ތަރައްޤީކުރުމަށް މިމަހުގެ ތެރޭގައި ބަޔަކާއި ޙަވާލުކޮށް ޢަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށިގެންދާނެކަމަށް ވިދާޅުވެފައެވެ.