މާލެއިން ޅ. ނައިފަރަށް ދަތުރުކުރަމުންދިޔަ “ނަސްރު” ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓެއް ދިޔަވާތީ، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއިން ހަރަކާތްތެރިވާން ފަށައިފިއެވެ.
އެމްއެންޑީއެފުން ބުނީ އެ ބޯޓުން ދަތުރުކުރަމުންދިޔަ ފަސް ފަޅުވެރިން ވަނީ ކޯސްޓްގާޑް ހާބަރ ކްރާފްޓަށް ނަގާފައި ކަމަށެވެ.
ހަފްތާ ބަންދު ވަރަށް ވިއްސާރަ ވާނެ ކަމަށާއި އަންނަ ހަފްތާ ވެސް ގަދަ ވާނެ ކަމަށް މެޓު އޮފީހުން ވަނީ ބުނެފައެވެ. މެޓް އޮފީހުން ބުނީ އަންނަ ހަފްތާ ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެ ކަމަށެވެ. ހަފްތާ ފެށޭއިރު ބައެއް ހިސާބުތަކަށް ކުޑަކޮށް މަޑުވިޔަސް، ވިލާގަނޑު މުޅިން ސާފު ނުވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
މެޓުން މިއަދު ވެސް ވަނީ ރާއްޖޭގެ ބޮޑު ބަޔަކަށް ވައިޓް އެލާޓް ނެރެފަ އެވެ. އެގޮތުން ނ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް މިރެއާ ހަމައަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި 45 މޭލަށް ވައިގަދަ ވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. އަދި ކަނޑު ވެސް ގަދަވާނެ ކަމަށް ލަފާކޮށްފައިވެއެވެ.