“އަލްމާކް ފިޔަ” ނަމަކަށް ކިޔާ ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާގައި ގެއްލިގެން ހޯދަމުންދަނީ އިންޑިއާ ނިސްބަތްވާ މީހަކާއި ސްރީލަންކާއަށް ނިސްބަތްވާ މީހެއް ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.
އެމްއެންޑީއެފުން ބުނީ މާލެއިން ފުރައިގެން އެރިޔަދޫއަށް ދަތުރުކުރި “އަލްމާކް-ފިޔަ” ނަމަކަށް ކިޔާ 100 ފޫޓުގެ ކޮޅުވެއްޓި ބަންޑުން ޖަހާލައިފައިވާއިރު، މި ލޭންޑިންގ ކްރާފްޓުގައި ހަތް މީހަކު ދަތުރުކުރިއިރު، މި އުޅަނދުން ދަތުރުކުރި ހަތަރު މީހަކު ވަނީ ސަލާމަތްކޮށްފައެވެ.
އެ އުޅަނދުން ގެއްލުނު ތިން މީހުންގެ ތެރެއިން އެކަކުގެ ހަށިގަނޑު އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުން ކަނޑުގެ އަޑިން ނަގާފައިވާއިރު، ފުލުހުން ބުނީ ދެން ގެއްލިގެން ހޯދަމުންދާ ދެ މީހުންނަކީ އިންޑީއާ ނިސްބަތްވާ މީހާ އަދި ސްރީލަންކާއަށް ނިސްބަތްވާ މީހެއް ކަމަށެވެ.
މަރުވެފައި އޮއްވާ ފެނިފައި ވަނީ ގއ.ދާންދޫ، ސަރުސޫނުގެ އުމުރުން 38 އަހަރުގެ އަހުމަދު ޝިފާންއެވެ.
ބަންޑުން ޖަހާލި ކޮޅުވެއްޓި އަޑިއަށް ގޮސްފައިވާއިރު ކޮޅުވެއްޓި އަޑިއަށްގޮސްފައި ވަނީ ކ. ތުޅާގިރީގެ އިރުދެކުނުން 1.3 ނޯޓިކަލް މޭލުން ކަމަށް އެމްޑީއެފްއިން ވަނީ މައުލޫމާތު ދީފައެވެ.

