ށ. ފުނަދޫގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ ސްޕޯޓްސް ކޮމްޕްލެކްސްގެ މަސައްކަތް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ މިއަދު ވަނީ ހަވާލުކޮށްފައެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ކުޅިވަރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އެވެ. އަދި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފް މުހައްމަދު އެވެ.
މި މަޝްރޫޢުގެ ދަށުން ފުނަދޫގެ ރައްޔިތުންނަށް ރަށުގައި ތިބެގެން ތަފާތު ގިނަ ކުޅިވަރުތައް ކުޅުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި މި ކޮމްޕްލެކްސް ވެގެންދާނީ އެ ރަށުގައި އެކި ބާވަތުގެ ކުޅިވަރު މުބާރާތްތައް ބޭއްވޭނެ މުހިންމު މަރުކަޒަކަށެވެ.
ރާއްޖޭގެ އާބާދީއަކީ ހަށިހެޔޮ، ދުޅަހެޔޮ އާބާދީއަކަށް ހެދުމުގެ އަމާޒުގައި، މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ކުޅިވަރުގެ ގިނަ މަޝްރޫޢުތަކެއްގެ މަސައްކަތް ސަރުކާރުން މިހާރުވަނީ ފަށާފައެވެ. މި މަސައްކަތުގެ ތެރޭގައި ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުތަކާއި އައުޓްޑޯ ޖިމްތަކުގެ މަސައްކަތްތައް ހިމެނެއެވެ. މީގެ އިތުރުން، ގިނަ ކުޅިވަރުތައް އެއްތަނަކުން ކުޅެވޭ ގޮތަށް ފަރުމާކޮށްފައިވާ ސްޕޯޓްސް ކޮމްޕްލެކްސްތަކުގެ މަޝްރޫޢުތައްވެސް މިހާރު ދަނީ އެކި ސަރަހައްދުތަކުގައި ކުރިއަށެވެ.
ކުޅިވަރު ކުރިއެރުވުމުގެ ގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކުޅިވަރާ ގުޅުންހުރި ވަސީލަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތްވެސް ސަރުކާރުން ވަނީ ފަށާފައެވެ. މި މަސައްކަތުގެ ތެރޭގައި ނިމިދިޔަ ސަރުކާރުން ފެށި ނަމަވެސް ނުނިމި ހުރި ގިނަ މަޝްރޫޢުތަކެއް މި ސަރުކާރުން ނިންމައި، ރައްޔިތުންނާ ހަވާލުކުރަމުން ގެންދެއެވެ. މީގެ ތެރޭގައި ފުޓުބޯޅަ ދަނޑުތަކާއި، ކޯޓުތަކާއި، ޓްރެކްތަކުގެ މަސައްކަތްތައްވެސް ހިމެނެއެވެ.