މާލެއިން ފުރައިގެން ކ. އެރިޔަދޫއަށް ދަތުރުކުރަމުންދިޔަ ކޮޅުވެއްޓިއެއް ރޭ ފަތިހު ބަންޑުންޖަހައި، އެ ހާދިސާގައި ގެއްލުނު ލަންކާ މީހާ ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެމްއެންޑީއެފްއިން މަޢުލޫމާތު ދީފިއެވެ.
ކ. ތުޅާގިރީގެ އިރުދެކުނުން 1.3 ނޯޓިކަލް މޭލު ބޭރުގައި ހިނގި މި ހާދިސާގައި ބަންޑުންޖެހި ކޮޅުވެއްޓިއަކީ “އަލްމާކް ފިޔަ” އެވެ. މި އުޅަނދުގައި ދަތުރުކުރަމުން ދިޔައީ ޖުމުލަ 7 މީހުންނެވެ. ހާދިސާ ހިނގިއިރު ގެއްލުނު 3 މީހުންގެ ތެރެއިން މިހާތަނަށް ދެ މީހެއްގެ ހަށިގަނޑު ވަނީ ފެނިފައެވެ. ކޯސްޓްގާޑުގެ ޑައިވަރުންނަށް ފެނުނު ދެ ހަށިގަނޑަކީ ދިވެއްސަކާއި އިންޑިއާ މީހެއްގެ ހަށިގަނޑެވެ.
މި ހާދިސާގައި ނިޔާވި ފަރާތްތަކުގެ ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ތަޢުޒިޔާ ފޮނުއްވާފައެވެ. އަދި ސަލާމަތްކުރެވުނު ފަޅުވެރިންނަށް ދެވެން އޮތް ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދޭނެ ކަމަށާއި، ގެއްލިފައިވާ ލަންކާ މީހާ ހޯދުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އެމްއެންޑީއެފްއިން ދަތުރުވެރިންނަށް އިލްތިމާސްކޮށްފައިވަނީ، ކޮޅުވެއްޓި ބަންޑުންޖެހި ސަރަޙައްދުގައި އުޅަނދުގެ ބައެއް ތަކެތި އޮޔާދާތީ، އެ ސަރަޙައްދުން ދަތުރުކުރާއިރު ސަމާލުވުމަށެވެ. މި ހާދިސާއާ ގުޅިގެން ގެއްލުނު ލަންކާ މީހާ ހޯދުމުގެ މަސައްކަތް މިވަގުތުވެސް ދަނީ ކުރިއަށެވެ.