ދުނިޔޭގެ އެންމެ މަޤްބޫލު ފަތުރުވެރި މަންޒިލުގެ މަޤާމް މިދިޔަ ފަސް އަހަރު ރާއްޖެއިން ހޯދާފައިވާއިރު، އެ މަޤާމް މިއަހަރުވެސް ދިފާޢުކުރުމަށް ވޯޓު ދިނުމަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އިން އާންމުންނަށް ގޮވާލައިފިއެވެ.
ވިޒިޓް މޯލްޑިވްސްއިން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި، ވޯލްޑް ޓްރެވަލް އެވޯޑްސްގެ އެންމެ ޝަރަފްވެރި ދެ މަޤާމު ކަމުގައިވާ “ވޯލްޑްސް ލީޑިން ޑެސްޓިނޭޝަން” އަދި “ވޯލްޑްސް ލީޑިން ގްރީން ޑެސްޓިނޭޝަން” އަށް ރާއްޖެ ނޮމިނޭޓްވެފައިވެއެވެ. މި ދެ މަޤާމަށް ވޯޓު ދިނުން މިހާރު ވަނީ ހުޅުވާލާފައެވެ.
ވޯލްޑް ޓްރެވަލް އެވޯޑްސްއަކީ ފަތުރުވެރިކަމުގެ ދާއިރާގައި ދެވޭ އެންމެ ޝަރަފްވެރި އެވޯޑެވެ. މި އެވޯޑު ކާމިޔާބުކުރާ ފަރާތްތައް ހޮވުމުގައި ޓްރެވަލް ޕްރޮފެޝަނަލުންނާއި، ސިނާއަތުގެ ތަޖުރިބާކާރުންގެ އިތުރުން އާންމު ފަރާތްތަކުގެ ވޯޓު ހިމެނެއެވެ.
މިއަހަރަކީ “ވޯލްޑްސް ލީޑިން ޑެސްޓިނޭޝަން” ގެ މަޤާމަށް ރާއްޖެ ވާދަކުރާ ހަވަނަ އަހަރެވެ. މި މަޤާމަށް ރާއްޖެއާއެކު 19 ގައުމަކުން ވާދަކުރެއެވެ. އޭގެ ތެރޭގައި ދުބާއީ، ގްރީސް، އިންޑޮނީޝިއާ، ސްޕެއިން އަދި ވިއެޓްނާމް ފަދަ ފަތުރުވެރިކަމުގެ މަޝްހޫރު މަންޒިލުތައް ހިމެނެއެވެ.
“މި ފަހުރުވެރި ނޮމިނޭޝަންތަކަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ކޮންމެ މީހެއްގެ ހިތްވަރާއި މިކަމަށް އޮތް ލޯބި ރަމްޒުކޮށްދޭނެ ކަމެއް،” ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ އިބްރާހިމް ޝިއުރީ ވިދާޅުވިއެވެ.
ވޯޓުގައި ބައިވެރިވެވޭނެ އެންމެ ފަހު ތާރީޚަކީ 26 އޮކްޓޯބަރު 2025 އެވެ. ވޯޓު ދެއްވުމަށް ވޯލްޑް ޓްރެވަލް އެވޯޑްސްގެ ވެބްސައިޓަށް ވަޑައިގަންނަވާށެވެ.