ގުދުރަތީ ގޮތުން ލިބެން ހުންނަ ތަކެތީގެ ތެރެއިން އިންސާނުންގެ ހަށިގަނޑަށް އެންމެ ފައިދާ ހުރި ތަކެތީގެ ތެރޭގައި ބެއި ލީވްސް، ރީނދޫ އަދި ލުނބޯ ހިމެނެއެވެ. މި ތަކެތީގައި އެކުލެވޭ ފައިދާ ހުރި މާއްދާތަކުގެ ސަބަބުން ހަށިގަނޑުގެ ދުޅަހެޔޮކަން އިތުރުކޮށް، ގިނަ ބަލިތަކުން ރައްކާތެރިވެވެއެވެ.
ބެއި ލީވްސްގެ ފައިދާތައް
ބެއި ލީވްސްއަކީ ހަޖަމުކުރުމުގެ ނިޒާމަށް ވަރަށް ފައިދާ ހުރި އެއްޗެކެވެ. މީގައި އެކުލެވޭ އެންޓި-އިންފްލެމެޓަރީ ބާވަތްތަކުގެ ސަބަބުން ހަޖަމު ކުރުމަށް މުހިންމު އެންޒައިމްތައް އުފެދުން އިތުރުވެއެވެ. އަދި ބަނޑުގައި ވައި ހެދުމާއި، ހަޖަމު ނުވުމުގެ މައްސަލަތަކަށް ޙައްލު ލިބެއެވެ. މީގެ އިތުރުން ހަށިގަނޑަށް ދިމާވާ ކުއްލި އުނދަގޫތައްވެސް މަދުކުރުމަށްވެސް މި ފަތްތަކުން އެހީތެރިވެދެއެވެ.
ރީނދޫގެ ފައިދާތައް
ރީނދޫގައި އެކުލެވޭ ކަރކިއުމިން މާއްދާގެ ސަބަބުން ބަނޑުހިންދުމުގެ ބާރު ލިބިގެންވެއެވެ. މީގެ ސަބަބުން ހަޖަމުކުރުމުގެ ނިޒާމުގެ ދުޅަހެޔޮކަން އިތުރުވެ، މައިދާގެ ބަލިތަކުން ރައްކާތެރިވެވެއެވެ. އަދި ހަށިގަނޑުން ވިހަ ތަކެތި ބޭރުކުރުމަށް އެހީތެރިވެދެއެވެ. މީގެ އިތުރުން ހަށިގަނޑުގެ މެޓަބޮލިޒަމް އިތުރުކޮށް، ލޭގައި ހިމެނޭ ހަކުރުގެ މިންވަރު ބެލެހެއްޓުމަށް އެހީތެރިވެދެއެވެ.
ލުނބޯގެ ފައިދާތައް
ލުނބޯގައި އެކުލެވޭ ސިޓްރިކް އެސިޑްގެ ސަބަބުން ހަޖަމީ އެންޒައިމްތައް އުފެދުން އިތުރުވެއެވެ. އަދި ލުނބޯ ފެނުގެ ސަބަބުން ހަށިގަނޑުން ވިހަ ތަކެތި ބޭރުވެ، ހަޖަމީ ނިޒާމު ސާފުވެއެވެ. މީގެއިތުރުން ވިޓަމިން ސީ ގިނައިން އެކުލެވިފައިވާތީ، ހަށިގަނޑުގެ ދިފާޢީ ނިޒާމު ވަރުގަދަވެއެވެ.
ތައްޔާރު ކުރާނެ ގޮތާއި ބޭނުން ކުރާނެ ގޮތް
- ބެއި ލީވްސް 4-3 ފަތް
- ރީނދޫ 1 ސަމުސާ މިންވަރު
- ލުނބޯ ފަޅިއެއްގެ ހުތް
- 2 ތަށި ފެން ނުވަތަ 600 މިލިލީޓަރުގެ ފެން
ފެން ތެއްޔަކަށް އަޅައި އެއަށް ބެއިލީވްސް އަޅައި 15 މިނެޓެއްހާއިރު ކައްކާށެވެ، އެއަށްފަހު ފުރޭންޏަކުން ފުރާނައި ތަށްޓަކަށް އަޅާށެވެ. އަދި ރީނދޫ ސަމުސަލެއް އަޅައި ގިރުމަށްފަހު ލުނބޯ ހުތް އަޅައިގެން ގިރާލާށެވެ. ބޭނުންނަމަ ސަމުސަލެއްހާ މިންވަރުގެ މާމުއި އެއްކުރުމުން ލިބޭ ފައިދާ އިތުރުވެގެންދާނެއެވެ. މި ބުއިން ކޮންމެ ދުވަހަކު ހެނދުނު ހުސް ބަނޑާ ބުއިމުން ބަނޑުގައި ވައިހެދުމާއި ބަނޑުފުއްޕާފައި ހުރުމުން ސަލާމަތްވެވޭނެއެވެ. އަދި ބަރުދަން ލުއިކުރުމަށްވެސް އެހީތެރިވެދޭނެއެވެ.
(ވީޑިއޯ: ޝައްފަގެޑެޒްލް އެންޑް ޝައިން، ޓިކްޓޮކް)
ސަމާލުވާންވީ ކަންކަން
މި ތަކެތި ބޭނުންކުރުމުގައި އަންނަނިވި ކަންކަމަށް ސަމާލުވާންވާނެއެވެ:
- ޞިއްޙީ މައްސަލައެއް ހުރިނަމަ، ޑޮކްޓަރެއްގެ ލަފާ ހޯދުން
- ގަވާއިދުން ބޭނުންކުރުން
- އެކަށީގެންވާ މިންވަރަށް ބޭނުން ކުރުން
- ތާޒާ ތަކެތި ބޭނުން ކުރުން
ނިންމާލުމުގެ ގޮތުން ދަންނަވާނީ، ބެއި ލީވްސް، ރީނދޫ އަދި ލުނބޯއަކީ ހަށިގަނޑުގެ ދުޅަހެޔޮކަމަށް ވަރަށް މުހިންމު ތިން ބާވަތެވެ. މި ތަކެތި ރަނގަޅު ގޮތުގައި ބޭނުންކުރުމުން ހަށިގަނޑުގެ ހަޖަމީ ނިޒާމު ރަނގަޅުވެ، ގިނަ ބަލިތަކުން ރައްކާތެރި ވެވޭނެއެވެ.