ހުޅުމާލޭގެ އެކި ސަރަހައްދުތަކުގެ ދުވާރުމަތީ އެކި ބޭނުންތަކުގައި ބަހައްޓާފައި ހުރި ގޮނޑި މޭޒު، ނެގުމަށް “ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން” އެޗްޑީސީން އަންގައިފިއެވެ.
އެޗްޑީސީން ކުރި އިއުލާނެއްގައި ބުނީ ހުޅުމާލޭގެ ދުވާރުމައްޗާއި ހެޖްތެރޭގައި ބަހައްޓާފައިވާ ގޮނޑިއާއި މޭޒް ފަދަ ތަކެތި އަންނަ ބްރާސްފަތި ދުވަހުގެ ކުރިން ނަގާ ނިންމުމަށް އިލްތިމާސްކުރާ ކަމަށެވެ. އަދި ކަނޑައެޅިފައިވާ ތާރީހަށް ނުނަގާނަމަ އެތަކެތި ނަގައި އެސަރަހައްދުތައް ސާފުކުރުމުގެ މަސައްކަތް ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން އެ ކޯޕަރޭޝަނުން ކުރިއަށް ގެންދާނެކަމަށެވެ. އަދި އެމަސައްކަތުގެ ތެރޭގައި މުދަލަށް ލިބޭ ގެއްލުމަކަށް އެ ކޯޕަރޭޝަނުން ޒިންމާ ނުވާނެކަމަށް ވެސް ވަނީ އާއްމުކޮސް އަންގައި އިއުލާނުކޮށްފައެވެ.
އެޗްޑީސީން އިތުރަށް ބުނީ ބިޔަވާޒާތުގެ ގަސްތައް ހެޖްތެރޭގައި އިންދާފައި ހުރުމުގެ ސަބަބުން ހުޅުމާލޭގެ މަގުތަކަށް ޖަމާވާފެން ހިންދުމަށް ދަތިވެ، މަގުތަކުގައި ފެންބޮޑުވުމާއި ތާރުގަނޑު ހަލާކުވުންފަދަ މައްސަލަތައް ދިމާވާތީ، އެފަދަ ބިޔަ ގަސްތައް ނެގުމުގެ މަސައްކަތް އެ ކޯފްރޭޝަނުން ކުރުމަށް ނިންމާފައިވާ ކަމަށެވެ.
އެޗްޑީސީން ވަނީ މީގެ ކުރިންވެސް އެގޮތަށް ދުވާރުމަތީގައި ބަހައްޓާފައި ހުރި ގޮނޑިއާއި މޭޒުފަދަ ތަކެތި ނެގުމަށް އާއްމުކޮށް އަންގާފައެވެ. އެންމެފަހުން ކުރި އިއުލާނުގައި އެޗްޑިސީން ބުނެފައިވަނީ، ހުޅުމާލޭގެ ދުވާރުމައްޗާއި އެނޫންވެސް އެފަދަ ތަންތަނުގައި ބަހައްޓާފައި ހުންނަ ގޮނޑިއާއި މޭޒުފަދަ ތަކެތި ނެގުމަށް އެންގިނަމަވެސް ގިނަ ފަރާތްތަކަކުން ގޮނޑި މޭޒު ބަހައްޓައިގެން ކެފޭގެ ހިދުމަތް ދެމުން އަންނަކަމަށެވެ.
އެޗްޑީސީން ބުނީ ދުވާރުމައްޗާއި ހެޖްތެރޭގައި ގޮނޑިއާއި މޭޒު ބަހައްޓައިގެން ވިޔަފާރި އުސޫލުން ބޭނުންކުރުމަކީ މަނާކަމެއްކަން ހަނދާންކޮށްދޭކަމަށެވެ.