ދައުލަތުގެ ދަރަނި ހަމަޖައްސައި، ރައްޔިތުންގެ ތަނަވަސްކަން އިތުރުކުރުމަށް ޓަކައި ކުރިއަށް އޮތް ހަތަރު، ފަސް އަހަރަށް އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހުއްޓާލަން ޖެހޭކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް ނަޝީދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުރިއަށް އޮތް އިންތިހާބުތަކުގެ ޝިއާރަކަށް ވާންވާނީ “އިހަށް މަޑުކޮށްލާ” ކަމަށެވެ. އަދި ރާއްޖޭގެ ވެރިކަމަށް ދެން ވަޑައިގަންނަވާ ރައީސެއްގެ ވައުދަކަށް ވެސް ވާން ޖެހޭނީ އެ ޝިއާރު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ ދައުލަތުގެ ދަރަނި ހަމަޖައްސައި، ރައްޔިތުންގެ ތަނަވަސްކަން އިތުރުކުރުމަށް ޓަކައި ކުރިއަށް އޮތް ހަތަރު، ފަސް އަހަރަށް އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހުއްޓާލަން ޖެހޭ ކަމަށެވެ.
ކޮންކްރީޓަކީ ތަރައްގީ ނޫން ކަމަށާއި ގިނަ ފަހަރު އެއީ ދައުލަތަށް އިތުރުވާ ދަރަނި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައްޔިތުންގެ ތަނަވަސްކަން އިތުރުވަނީ ބަޖެޓު ސާޕްލަސް އިތުރުކުރެވި ދަރަނި ކުޑަކުރެވިގެން ކަމަށާއި ދިވެހިންނަކީ ތަންދޮރު ދަންނަ، ހޭލުންތެރި ބައެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.