އއ.ފެރިދޫ ބަނދަރު ހެދުމުގެ މަސައްކަތުގެ ތެރެއިން ޕޭވްމަންޓާއި ކީވޯލްގެ މަސައްކަތް ނިންމާލައިފި ކަމަށް އެމްޓީސީސީން ބުނެފިއެވެ.
އެމްޓީސީސީން ބުނި ގޮތުގައި ފެރިދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން މިހާރު ކުރިއަށް ދަނީ ޖެޓީ ހެދުމުގެ މަސައްކަތެވެ.
މި މަޝްރޫއުގެ ދަށުން، 23,579 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އާ ހާބަރު ބޭސިން ފުންކުރުމާއި، 7,848 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއި، 4,268 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި، 47 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 213 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމަށް ހަމަޖެހިފައިވާ ކަމަށް އެމްޓީސީސީން ބުންޏެވެ.
އޭގެ އިތުރުން 403 މީޓަރުގެ ސަަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، ރޭމްޕެއް ހެދުމާއި، 12 މީޓަރު ދިގު 2 މީޓަރު ފުޅާ ކޮންކްރީޓް ބްރިޖެއް ހެދުމާއި، 80 މީޓަރު ދިގު ދެ މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް ހެދުމާއި، 2,481 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަ ޕޭވްމަންޓް ހެދުމާއި، ނެރު ބައްތިއާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށްވެސް އެމްޓީސީސީން ބުންޏެވެ.
ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މި މަޝްރޫއަކީ 47.04 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫއުގެ 45 އިންސައްތަ މަސައްކަތް އެމްޓީސީސީން މިހާރު ވަނީ ނިންމާލާފައެވެ.