ކައުންސިލްގެ އައު އިމާރާތް އެޅުމުގެ މަސައްކަތުގެ ދަށުން 35 ކައުންސިލެއްގެ ޢަމަލީ މަސައްކަތް މިމަހު ފަށާނެކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާބެހޭ ވަޒީރު ޢާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.
ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން 55 ކައުންސިލް އިމާރާތުގެ މަސައްކަތް ވަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން، އާރުސީސީއާ ހަވާލުކޮށްފައެވެ. މިގޮތުން މިހާތަނަށް 20 ރަށެއްގެ ކައުންސިލް އިމާރާތުގެ އަމަލީ މަސައްކަތް ވަނީ ފެށިފައެވެ.
ވަޒީރު އާދަމް ޝަރީފް ވިދާޅުވިގޮތުގައި ކައުންސިލްތަކުން ފޯރުކޮށްދޭ ޚިދުމަތްތައް އެންމެ ރަނގަޅަށް ފޯރުކޮށްދެވޭނީ ރަނގަޅު މާހައުލެއް ޤާއިމްކުރެވިގެންނެވެ. އަދި މިހާރު ހުރި ކައުންސިލް އިމާރާތްތަކަކީ ދުވަސްވެފައިވާ އިމާރާތްތަކަކަށްވާތީ، އެކަން ރަނގަޅުކުރުމަށް މި މަޝްރޫޢު ކުރިއަށްގެންދަވާކަމަށް ވިދާޅުވިއެވެ.
“55 ކައުންސިލް އެއްފަހާރާ މަސައްކަތް ފަށާއިރު ބޭނުންވާ ތަކެތި ރަށްރަށަށް ފޮރުކޮށްދިނުމާ ސަބް ކޮންޓްރެކްޓަރުން ހޯދުމުގެ މަސައްކަތް އާރްސީސީން ވަރަށް ބޮޑަށް ކުރިއަށް ގެންދޭ. މިހާރު ސަބް ކޮންޓްރެކްޓަރ ނުލިބި އޮތީ 3 ރަށް,” ވަޒީރު ވިދާޅުވިއެވެ.
މި މަޝްރޫޢުގެ އިތުރުން، އިތުރު 50 ކައުންސިލެއް ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ތަރައްޤީކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްސަ ސިޔާސަތެއްގެ ދަށުން ކުރިއަށްގެންދާ މަސައްކަތެއް ކަމަށްވާއިރު، މި ދައުރުގެ ތެރޭގައި 100 އަށްވުރެ ގިނަ ރަށުގައި ކައުންސިލް އިމާރާތް އެޅުމަށް ވަނީ ހަމަޖެހިފައެވެ.
އާރުސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ 55 ކައުންސިލް އިމާރާތުގެ މަސައްކަތް 2024 ވަނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ނިންމުމަށް ވަނީ އަމާޒު ހިފާފައެވެ.