ގުޅީފަޅުން ގޯތި ލިބުނު މީހުންނަށް އެ ގޯތިތަކުގެ ބަންޑާރަ ގޯތީގެ އާ ރަޖިސްޓްރީ ދޫކުރުން މި މަހުގެ 30ގެ ނިޔަލަށް ކުރިއަށްދާނެ ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން މިއަދު ވިދާޅުވެއްޖެއެވެ.
އެ ވުޒާރާއިން މައުލޫމާތު ދެއްވި ގޮތުގައި، ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލުތަކެއް ގެނެސް، ގޯތީގެ ޕްލޮޓް ކަނޑައެޅުމަށް އަލުން ގުރުއަތު ނަގާފައިވާތީ، މުޅިން އާ ރަޖިސްޓްރީތަކެއް ދޫކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ. މި މަސައްކަތް ކުރިއަށްގެންދަނީ އެޕޮއިންޓްމަންޓް އުސޫލުންނެވެ.
ބިންވެރިޔާ ސްކީމްގެ ދަށުން ގުޅިފަޅުން ގޯތި ލިބޭ ފަރާތްތަކަށް އައު ބަންޑާރަ ގޯތީގެ އެއްބަސްވުމާއި ގޯތީގެ ރަޖިސްޓަރީ އާ ހަވާލުވުމަށް ހުޅުވާލި ފުރުސަތު އޮކްޓޫބަރު 30ގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.
އާ ރަޖިސްޓްރީގައި ސޮއިކޮށް ރަޖިސްޓްރީ ހަވާލުވުމަށް އެޕޮއިންޓްމަންޓް ހެއްދުމުގެ އިންތިޒާމު ހަމަޖައްސާފައިވަނީ “ހިޔާވެހި ޕޯޓަލް” މެދުވެރިކޮށެވެ. އަދި ރަޖިސްޓްރީ ބަލައިގަތުމަށް އެޕޮއިންޓްމަންޓް ހެއްދުމަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތަކުގެ ތަފްސީލް މި ޕޯޓަލްގައި ހިމަނާފައިވެއެވެ.
ރަޖިސްޓްރީއާ ހަވާލުވުމަށް އަންނައިރު، ގޯތި ލިބިފައިވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ގެންނަންޖެހޭނެއެވެ. އަދި ބަދަލުގައި އެހެން ފަރާތެއް އަންނަނަމަ، ޕަވާ އޮފް އެޓަރނީގެ އަސްލާއި، ޕަވާ އޮފް އެޓާނީ ލިބިފައިވާ ފަރާތުގެ އައިޑީ ކާޑުގެ އަސްލު ގެންދިއުން ލާޒިމު ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.
އެޕޮއިންޓްމަންޓްއަށް އެދި ހުށަހަޅާ ފަރާތްތަކަށް “ހިޔާވެހި ޕޯޓަލް” މެދުވެރިކޮށް އަދި އެފަރާތްތަކުގެ ފޯނު ނަންބަރަށް އެސްއެމްއެސްގެ ޒަރީއާއިން “ބަންޑާރަ ގޯތީގެ ރަޖިސްޓަރީ” އާއި “ބަންޑާރަ ގޯތީގެ އެއްބަސްވުން” އާއި ހަވާލުވުމަށް ހާޒިރުވާންޖެހޭ ގަޑި އަދި ތަން އަންގާނެ ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ.