ގދ. ތިނަދޫގައި އިމާރާތްކުރަމުންދާ ކޯލްޑް ސްޓޯރެޖްގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް އެމްޓީސީސީން މިއަދު ބުނެފިއެވެ.
އެމްޓީސީސީން ބުނި ގޮތުގައި، މިވަގުތު ކުރިއަށްދަނީ އިދާރީ އިމާރާތާއި، ކޯލްޑް ސްޓޯރޭޖް ފެސިލިޓީގެ މަސައްކަތާއި، ކެމިކަލް އަދި ލޮނު ރައްކާކުރާ ގުދަނުގެ މަސައްކަތެވެ. މިގޮތުން އިދާރީ އިމާރާތުގެ 48 އިންސައްތަ، ކޯލްޑް ސްޓޯރޭޖް ފެސިލިޓީގެ މަސައްކަތުގެ 80 އިންސައްތަ އަދި ކެމިކަލް އަދި ލޮނު ރައްކާކުރާ ގުދަނުގެ 56 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ.
މި ކޯލްޑް ސްޓޯރޭޖްގެ އަމަލީ މަސައްކަތް ފެށިފައިވަނީ 2023 ވަނަ އަހަރުގެ ޖުލައި 12 ވަނަ ދުވަހުއެވެ. ދިގު މުއްދަތަކަށް ހުއްޓިފައި އޮތް މި މަޝްރޫޢުގެ މަސައްކަތް ނިންމުމަށް މިހާރުގެ ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ.
ތިނަދޫގައި ގާއިމްކުރެވޭ މި ކޯލްޑް ސްޓޯރޭޖް ފެސިލިޓީގެ ސަބަބުން، އެ ސަރަހައްދުގެ މަސްވެރިންނަށް މަސް ގިނަ ދުވަހަށް ރައްކާކޮށް ބެހެއްޓުމުގެ ފުރުސަތު ލިބި، އަގު ހެޔޮކޮށް މަސް ވިއްކުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ. މީގެ އިތުރުން، މި ފެސިލިޓީގެ ސަބަބުން ރަށުގެ އިގްތިސާދަށް ފައިދާވެ، ވަޒީފާގެ ފުރުސަތުތައްވެސް އިތުރުވެގެންދާނެ ކަމަށް ބެލެވެއެވެ.