ލ. މާވަށުގައި ޞިއްޙީ ދާއިރާ ތަރައްޤީކުރައްވާނީ، ރައްޔިތުން ބޭނުންވާގޮތަށް ހޮސްޕިޓަލެއްގެ ދަރަޖައަށް ޚިދުމަތްދެވޭގޮތަށް އަމާޒުކުރައްވައިގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިކަން ހާމާކުރެއްވީ، އެމަނިކުފާނު ހައްދުންމައްޗަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ފުރަތަމަ މަންޒިލްކަމަށްވާ، ލ މާވަށަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މާވަށުގެ ޞިއްޙީ މަރުކަޒުގެ ޚިދުމަތް މިހާރަށް ވުރެ ފުރިހަމަކުރެއްވުމަށް ނިންމަވާފައިވާކަން ހާމަކުރައްވައި، އެމަނިކުފާނު ވިދާޅުވީ ޞިއްޙީ މަރުކަޒަށް އިތުރު 4 އެނދުގެ ވޯޑަކާއި، ލެބޯޓްރީއަކާއި ޕަބްލިކް ހެލްތު ޔުނިޓެއްގެ އިތުރުންވެސް، ބައެއް ޚިދުމަތްތައް ހިމެނޭގޮތަށް ތަރައްޤީކުރެއްވުމަށް މިމަހުގެ ތެރޭގައި ބަޔަކާއި ޙަވާލުކުރައްވާނެ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އަމާޒަކީ ޚިދުމަތްތައް އިތުރަށް ތަރައްޤީކުރައްވައި، ޞިއްޙީ މަރުކަޒު ހޮސްޕިޓަލެއްގެ ފެންވަރަށް ތަރައްޤީކުރެއްވުން ކަމަށެވެ. މީގެއިތުރުން ކުރިއަށް އޮތް ތަނުގައި މާވަށަށް ޚާއްޞަކޮށްގެން ސީއެމްބިއުލާންސެއް ހަމަޖައްސަވައިދެއްވާނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރަށުގައި 15 ހެކްޓަރުގެ ބިން ހިއްކަމުންދާކަން ފާހަގަކުރައްވައި، އެމަނިކުފާނު ވަޢުދުވެވަޑައިގެންފައިވާ ގޮތަށް އިތުރު 15 ހެކްޓަރުގެ ބިމާއެކު، ޖުމުލަ 30 ހެކްޓަރުގެ ބިން ހިއްކާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ. ބިން ހިއްކާ ނިމުމުން ރަށުގައި ތަރައްޤީގެ އެހެނިހެން މަޝްރޫޢުތައް ކުރިއަށް ގެންދަވާނެ ކަން ފާހަގަކުރައްވާ، އެމަނިކުފާނު ވަނީ، ހައުސިންގް ޕްރޮޖެކްޓްތައް ކުރިއަށް ގެންދަވައި، އެ ސަރަޙައްދަށް ފެނާއި، ނަރުދަމާ އަދި ކަރަންޓު ގުޅައިދިނުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވެފައެވެ.
މާވަށުގައި މިއަދު ވަނީ ، ކުޅިވަރާއި، ތަޢުލީމާއި، މަސްވެރިކަމާއި، މަގުހެދުން ފަދަ ޢުމުރާނީ ގޮތުން ރަށަށް ކުރިއެރުން އަންނާނެ މުހިއްމު 11 މަޝްރޫޢެއް ފަށާފައެވެ. އޭގެ ތެރޭގައި 8 މަޝްރޫޢެއްގެ އަމަލީ މަސައްކަތް ފަށައި، 3 މަޝްރޫޢެއްގެ އެއްބަސްވުމުގައި ވަނީ ސޮއިކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ މި މަޝްރޫޢުތައް ރައްޔިތުން ބޭނުންވާ ގޮތަށް އަވަހަށް ނިންމަވައިދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވަމުން، ރައްޔިތުން އެންމެ ބޭނުންވާ ކަންކަމުގެ ތެރޭގައި، ލ. އަތޮޅަށް އިތުރު އެއާޕޯޓެއް ބޭނުންވާކަން ފާހަގަކުރެއްވިއެވެ. އެކަން ހަޤީގަތަކަށް ހައްދަވައިދެއްވާނެ ކަމުގެ ޔަޤީންކަން ދެއެއްވަމުން އެމަނިކުފާނު ވިދާޅުވީ އެ އެއާޕޯޓް އަޅާނެ ރަށެއް ކަނޑައަޅުއްވާނީ، ދަތުރުފަތުރާއި، ރަށުގެ އިޤްތިޞާދަށް އަދި ޓޫރިޒަމް ކުރިއެރުވުމަށް އެންމެ ގިނަ ރިސޯޓްތައް ތަރައްޤީކުރެވެން އޮތް އެންމެ މުހިއްމު ސަރަޙައްދެއްގައި ކަމަށެވެ. އެއާޕޯޓް އަޅާނެ ސަރަޙައްދެއް ވަރަށް އަވަހަށް ނިންމަވާ އެ ވަޢުދުފުއްދަވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމުހޫރިއްޔާ ރައްޔިތުންނަށް ދެއްވިއެވެ.