ލ. ހިތަދޫ އަދި ލ. ކުނަހަންދޫ ގުޅާލާ ކޯޒްވޭގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވާފައިވަނީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ލ. އަތޮޅަށް ކުރައްވާ 3 ދުވަހުގެ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ހިތަދޫއަށް ވަޑައިގެން ބޭއްވެވި ރަސްމިއްޔާތެއްގައެވެ.
މި މަޝްރޫގެ އަމަލީ މަސައްކަތް ފައްޓަވާދެއްވީ މިނިސްޓަރ އޮފް ކޮންސްޓްކްޝަން ހައުސިން އެންޑް އިންޕްރާންސްޓްރަކްޗަރ ޑރ. އަބްދުﷲ މުއްތަލިބެވެ. އަދި އެމަނިކުފާނުގެ އަރިހުގައި ވަނީ ހިތަދޫގެ ކައުންސިލް ރައީސް އިބްރާހީމް ސައްމޫނު އަދި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު ޑީސީޕީ (ރިޓަޔާޑް) އަހްމަދު ސައުދީ ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.
ސަރުކާރުން އެމްޓީސީސީއާ އެ މަޝްރޫއު ހަވާލުކޮށްފައިވަނީ 81.22 މިލިއަން ރުފިޔާއަށް 500 ދުވަސްތެރޭގައި ނިންމާ ގޮތަށެވެ.
އެމްޓީސީސީން ބުނީ ކޯޒްވޭގެ މަޝްރޫއުގެ ދަށުން، ކުނަހަންދޫ އާއި ލ.މެންދޫއާ ދޭތެރޭ 210 މީޓަރުގެ ކޯޒްވޭއަކާއި މެންދޫއާއި ހިތަދޫއާއި ދޭތެރޭ 75 މީޓަރުގެ ކޯޒްވޭއެއް ގާއިމުކުރާނެ ކަމަށެވެ. އަދި ދުއްވާ ސަރަޙައްދުގެ ފުޅާ މިނަކީ 7.80 މީޓަރު ކަމަށާއި 390 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖަހާނެ ކަމަށް ވިދާޅުވިއެވެ.
ލ. ހިތަދޫ އަދި ކުނަހަންދޫ ގުޅާލާ ކޯޒްވޭއަކީ ދެރަށުގެ ރައްޔިތުންވެސް ވަރަށް ދިގު އިންތިޒާރެއް ކުރަމުންދާ މަޝްރޫއެކެވެ. އެއީ މި ކޯޒްވޭ އާއިއެކު ދެ ދަށުގެ ރައްޔިތުންނަށް އިގްތިސޯދީ ގޮތުން ބާރުވެރިކަން ލިބިގެންދާނެ މަޝްރޫއެއް ކަމަށް ދެރަށުގެ ރައްިތުންވެސް ގަބޫލު ކުރެއެވެ.
ދެ ރަށުގެ ރައްޔިތުންވެސް ސިއްޙީ ފަރުވާ ހޯދުމަށްޓަކާވެސް އެއްރަށުން އަނެއް ރަށަށް ކުރަންޖެހޭ ދަތުރުތަކުގެ ސަބަބުން ދެރަށުގެ ރައްޔިތުންނަށް ވެސް ގިނަ ތަކްލީފްތަކެއް އުފުލަމުންދާއިރު، އެ ކަމަށް ހައްލެއް ކުރިޔަށް އޮތް ދުވަސްތަކުގެ ތެރޭގައި ލިބިގެންދާނެ ކަމަށް ހިތަދޫގެ ރައްޔިތުން ގަބޫލު ކުރެއެވެ.