ލ. ފޮނަދޫގައި މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ (އެމްއެންޔޫ) ގެ ކެމްޕަހަކާއި ލެންގުއޭޖް ސްކޫލެއް އިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މި ދެ އެއްބަސްވުމުގައި ސޮއިކުރެވިފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ލ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ފޮނަދޫގައި ބޭއްވި ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ ޖަލްސާގައެވެ.
އެމްއެންޔޫ ކެމްޕަސް އިމާރާތްކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރު ޑީސީޕީ (ރޓ) އަޙްމަދު ސަޢުދީއެވެ. އެމްއެންޔޫގެ ފަރާތުން ސޮއިކުރެއްވީ އެ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. ރަޙީމާ ޢަބްދުއްރަޙީމެވެ. ހަމައެހެންމެ، ލެންގުއޭޖް ސްކޫލް އިމާރާތްކުރުމުގެ އެއްބަސްވުމުގައިވެސް ސޮއިކުރެއްވީ އެ ދެ ފަރާތުންނެވެ.
މި ދެ މަޝްރޫޢާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ތަފާތު ބަސްތަކުން މުޢާމަލާތްކުރަން އެނގޭ މީހުން އުފެއްދުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި މި ދެ މަޝްރޫޢަކީ މަތީ ފަންތީގެ ތަޢުލީމު ދިނުމަށާއި އަތޮޅާއި ސަރަޙައްދުގެ ތަރައްޤީއަށް މުހިންމު މަޝްރޫޢުތަކެއް ކަމުގައި ފާހަގަކުރެއްވިއެވެ.
“ސަރަޙައްދީ ތަރައްޤީއަކީ ވަރަށް މުހިންމު ކަމެއް. މާލެއަށް މީހުން ޖަމާކޮށް ޚިދުމަތް ދިނުން ނިމުމަކަށް ގެންނަން ޖެހޭ,” ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މި މަޝްރޫޢުތަކުގެ ސަބަބުން ރައްޔިތުންނަށް ދެމެހެއްޓެނިވި ގޮތެއްގައި ޚިދުމަތް ލިބުމުގެ މަގު ފަހިވެގެންދާނެ ކަމަށާއި، އޭގެ ނަފާ ރައްޔިތުންނަށް ލިބިގެންދާނެ ކަމަށްވެސް ރައީސް މުޢިއްޒު ވިދާޅުވެފައިވެއެވެ. މި މަޝްރޫޢުތަކަކީ ސަރުކާރުން ލާމަރުކަޒީ އުސޫލުން ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ކުރަމުންދާ މަސައްކަތުގެ ބައެއް ކަމަށްވެސް ފާހަގަކުރެވެއެވެ.