މިރޭ އެރަށުގައި ބޭއްވުނު ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރގެ އަބްދުﷲ މުއްތަލިބެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަހްމަދު ސައުދީއެވެ.
މި މަޝްރޫޢާ ގުޅޭގޮތުން ފޮނަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ އޮފީސް ކޮމްޕްލެކްސް ހެދިގެން ދިއުމުން، ވަރަށް ބޮޑެތި ފައިދާތަކެއް ވެގެންދާނެ ކަމަށެވެ.
“މިރަށަކީ، މިރަށުގައި ގާއިމްވެގެން ވަޒީފާ އަދާ ކުރާ މީހުން ނިސްބަތުން އެންމެ ގިނަ އެއް ރަށަށް ވާނެ، އަދި އާބާދީއާއި ތަރައްގީ އެއްފަސް ކުރުމުގެ ތެރެއިންވެސް، އުފައްދަން ބޭނުންވާ ވަޒީފާތަކާއި މި ހުރިހާ ކަމަކަށްވެސް، ހުރިހާ ނަޒަރިއްޔާތަކުން ބަލާއިރުގައިވެސް، އިމާރާތް ގާއިމް ވެގެން ދިއުމުން، ވާނީ ހަމަ ޔަގީނުންވެސް އޭގެ ފައިދާ ވާނެ ކަމަކަށް،” ރައީސް މުއިއްޒު ވިދާޅުވިއެވެ.
މި އޮފީސް ކޮމްޕްލެކްސް އެޅުމުން ފޮނަދޫގައި ހުރި ސަރުކާރުގެ އޮފީސްތަކަށް އިތުރު ފަސޭހަތަކެއް ލިބި، ރަށުގެ އިދާރީ މަސައްކަތްތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ބެލެވެއެވެ.