ލ. ފޮނަދޫ ބަނދަރު ތަރައްގީ ކުރުމާއި މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫޢުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އެމްޓީސީސީ އާ މިރޭ ހަވާލު ކޮށްފިއެވެ.
މިރޭ އެރަށުގައި ބޭއްވުނު ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރގެ އަބްދުﷲ މުއްތަލިބެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަހްމަދު ސައުދީއެވެ.
މި މަޝްރޫޢާ ގުޅޭގޮތުން ފޮނަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ، ބަނދަރަށް ފުރިހަމަ ކަމެއް ގެނެސްދީ، އިތުރު ކުރިއެރުންތަކެއް ބަނދަރު ބޭނުންކޮށްގެން ރަށަށް ގެނައުމަށްޓަކައި މި މަސައްކަތް ހަވާލުކުރެވިފައިވާ ކަމަށެވެ.
މީގެއިތުރުން ރައީސް މުއިއްޒު ފާހަގަކުރެއްވި ގޮތުގައި މަގުތައް ހެދުމުގެ މަޝްރޫޢަކީ، ހުރިހާ މަގެއް ހަދަން ވެވަޑައިގެންނެވި ވައުދުތަކުގެ ތެރެއިން ކުރެވޭ މަސައްކަތެއްކަމަށެވެ.
“މިރޭ މި ސޮއި ކުރެވުނު ތިން ވަނަ ފިޔަވަހި، އިރާދަކުރެއްވިއްޔާ ނިމިގެން ދާނީ މިރަށުގެ ހުރިހާ މަގެއް ހަދާފައި،” ރައީސް މުއިއްޒު ވިދާޅުވިއެވެ.
މި މަޝްރޫޢުގެ ދަށުން ފޮނަދޫގެ ބަނދަރު އަދި މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރެވި، ރަށުގެ އުމްރާނީ ތަރައްގީއަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.