ލ. މާމެންދޫ ސިއްހީ މަރުކަޒުގައި ގާއިމްކުރި ލެބޯޓްރީ ސިއްހަތާއި ބެހޭ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހިމް ހުޅުއްވާދެއްވައިިއެވެ. މި ލެބޯޓްރީ ހުޅުވީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ލ. އަތޮޅަށް ފެއްޓެވި 3 ދުވަހުގެ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު މާމެންދޫއަށް ވަޑައިގެން ބޭއްވެވި ރަސްމިއްޔާތެއްގައެވެ.
ލެބޯޓްރީ ސިއްހަތާއި ބެހޭ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހިމް ހުޅުވާދެއްވިއިރު، އެމަނިކުފާނުގެ އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި މާމެންދޫ ކައުންސިލްގެ ރައީސް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި މިރަސްމިއްޔާތުގައި ރައީސް ވެސް ބައިވެރިވެ ވަޑައިގެން ލެބޯޓްރީ ވަނީ ބައްލަވާލައްވާފައެވެެ.

ރައީސް، ލެބޯޓްރީ ބައްލަވާލައްވަނީ… ފޮޓޯ: ރައީސް އޮފީސް
ރާއްޖޭގެ ރަށްރަށުގައި ލެބޯޓްރީ ހިދުމަތް ގާއިމް ކޮށްދެއްވުމަކީ މި ސަރުކާރުގެ ބޮޑުވައުދެކެވެ. ސަރުކާރުން ނިންމަވާފައި އޮތީ ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ހުރިހާ ރަށެއްގައި މި ހިދުމަތް ގާއިމްކޮށް ނިންމުމަށެވެ.
ރައީސް ވިދާޅުވީ އަންނަ އަހަރުގެ ނިޔަލަށް ދާއިރު، ރާއްޖޭގައި ހުރިހާ ރަށެއްގައި ލެބޯޓްރީ ގާއިމްކޮށް، ރަށުގެ ނިސްބަތުން ޓެސްޓު ހެދޭނެ ގޮތް ހަމަޖެއްސިގެންދާނެ ކަމަށެވެ.