ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ލ. މުންޑޫގައި އޭޓީއެމްގެ ހިދުމަތް ފަށައިފިއެވެ. މި އޭޓީއެމް ހުޅުވީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ލ. އަތޮޅަށް ފެއްޓެވި 3 ދުވަހުގެ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު މުންޑޫއަށް ވަޑައިގެން ބޭއްވެވި ރަސްމިއްޔާތެއްގައެވެ.
އޭޓީއެމް ހިދުމަތް މުންޑޫގައި ރަސްމީކޮށް ފައްޓަވައި ދެއްވީ ލ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރައީސްއެވެ. އެމަނިކުފާނުގެ އަރިހުގައި ބީއެމްއެލްގެ ޗެއާޕާސަން އަހްމަދު އަލީ ހަބީބާއި ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފާއި ގަމު ދާއިރާގެ މެމްބަރު ޔޫސުފް ނަޝީދު އަދި މުންޑޫ ކައުންސިލްގެ ރައީސް އާދަމް ނާސިފް ބައިވެރިވެ ވަޑައިގެންނެވިއެވެ. އެ ހިދުމަތް ފައްޓަވައި ދެއްވުމަށް ފަހު ރައީސް ވަނީ މުންޑޫ ކައުންސިލަށް ހަނދާނީ ފިލައެއް ހަވާލު ކުރައްވައިފައެވެ.
މުންޑޫގައި އޭޓީއެމްއެއް ނެތުމުގެ ސަބަބުން އެ ރަށުގެ ރައްޔިތުން ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފައިވެއެވެ. ރަށުގެ ރައްޔިތުން ފައިސާ ނެގުމާއި ޖަމާ ކުރުން ފަދަ ހިދުމަތްތައް ހޯދަން ދާން ޖެހިފައިވަނީ ކައިރި ރަށްރަށަށެވެ.
މުންޑޫއަކީ ލ. އަތޮޅުގެ މީހުން ދިރިއުޅޭ 11 ރަށުގެ ތެރެއިން އެންމެ އާބާދީ ކުޑަ ރަށެވެ. އެންމެ ފަހުގެ ބޯހިމެނުމުގެ ނަތީޖާ ދައްކާ ގޮތުން އެ ރަށުގެ އާބާދީއަކީ 176 އެވެ.