މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ތިން މެންބަރުންނަށް މަޖިލީހުން މިއަދު ރުހުން ދީފިއެވެ. މިގޮތުން ރުހުން ދީފައިވަނީ ސިވިލް ސާވިސް ކޮމިޝަންގެ ކުރީގެ މެންބަރު މުހައްމަދު ފަރުސަތާއި، ކުރީގެ ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް ސަފާ ޝަފީގު އަދި އެ ކޮމިޝަންގެ ކުރީގެ މެންބަރު އާމިނަތު ސަރާހަތު އިއްޒަތަށެވެ.
މިއަދު ބޭއްވުނު މަޖިލީހުގެ ޖަލްސާގައި ނެގުނު ވޯޓުގައި ބައިވެރިވި 63 މެންބަރުންގެ ތެރެއިން 54 މެންބަރުން ވަނީ މި ތިން ބޭފުޅުން އައްޔަންކުރުމަށް ތާއީދުކުރައްވާފައެވެ. އަދި 9 މެންބަރަކު ވަނީ އިއުތިރާޒުކުރައްވާފައެވެ. މި ތިން ބޭފުޅުންގެ ނަންތައް މަޖިލީހަށް ހުށަހެޅުނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އިންޓަވިއު ކުރުމަށްފަހުގައެވެ.
މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަކީ ޖުމްލަ ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޝަނެކެވެ. މީގެ ތެރެއިން ތިން މެންބަރުން ކަނޑައަޅަނީ ރައްޔިތުންގެ މަޖިލީހުން ކަމަށްވާއިރު، އަނެއް ހަތަރު މެންބަރުން ހޮވަނީ މީޑިއާތަކުގެ މެދުގައި ނަގާ ވޯޓަކުންނެވެ. މީޑިއާތަކުގެ ފަރާތުން ކޮމިޝަނަށް ހަތަރު މެންބަރުން މިހާރު ވަނީ އިންތިޚާބަކާ ނުލައި ހޮވިފައެވެ.
މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަކީ ރާއްޖޭގެ މީޑިއާ ދާއިރާ ރެގިއުލޭޓްކުރުމަށް އުފައްދާފައިވާ މުހިންމު މުއައްސަސާއެކެވެ. މި ކޮމިޝަނުގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި މީޑިއާތަކުގެ މިނިވަންކަން ކަށަވަރުކުރުމާއި، ނޫސްވެރިކަމުގެ ހަމަތަކާއި އުސޫލުތައް ކަނޑައެޅުމާއި، މީޑިއާތަކުން ގެނެސްދޭ ކޮންޓެންޓް މޮނިޓަރކުރުން ހިމެނެއެވެ.
ކޮމިޝަނުގެ މެންބަރުކަމަށް އައްޔަންކުރެވޭ މެންބަރުން އެ މަޤާމުގައި ދެމިތިބޭނީ ފަސް އަހަރު ދުވަހުގެ ދައުރަކަށެވެ.