ލ. މާބައިދޫގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އޭޓީއެމް ގާއިމުކޮށް، ތިން މުހިންމު މަޝްރޫއެއްގެ އަމަލީ މަސައްކަތް މިއަދު ވަނީ ފަށައިފައެވެ.
މި ތިން މަޝްރޫއުގެ ތެރޭގައި ހިމެނެނީ މާބައިދޫގައި ގާއިމުކުރާ 25 ޓަނުގެ އައިސް ޕްލާންޓްގެ މަޝްރޫއާއި، ގުރުއާން މަރުކަޒު އަދި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަޝްރޫއެވެ. މި މަޝްރޫއުތަކާ ގުޅޭގޮތުން މާބައިދޫ ރައްޔިތުންނާއެކު ބޭއްވުނު ޖަލްސާގައި ރައީސް ވިދާޅުވި ގޮތުގައި، މޫސުން ތަންނުދިނުމުގެ ސަބަބުން ޕްރޮގްރާމުގައިވާ ގޮތަށް މަޝްރޫއުތައް ނުފެށުނު ނަމަވެސް، މިއީ ހަމަޖެހިފައިވާ މަޝްރޫއުތަކެކެވެ.
ޖަލްސާގައި ބީއެމްއެލްގެ އޭޓީއެމް ޚިދުމަތް އެ ރަށުގައި ފަށައިދެއްވައި، ބީއެމްއެލްގެ ފަރާތުން ކައުންސިލަށް އަރުވާ ހަނދާނީ ފިލާ ރައީސް ވަނީ މާބައިދޫ ކައުންސިލްގެ ރައީސް އިބްރާހިމް ވިޝާމްއާ ހަވާލުކޮށްދެއްވާފައެވެ.
“މަސައްކަތުގެ މަރުހަލާ ފުރިހަމަކުރެވިގެން އަޅުގަނޑުމެން ބިންގާ އަޅަނީ. އެހެންވީމަ އަދި ވާރޭވެހުމުގެ ސަބަބުން އެކަންކަން ނުފެށުނު ނަމަވެސް ކޮންމެ މަޝްރޫއު އަކީ ރަށުގެ ތަރައްގީއަށް ހަމަޖެހި ކުރިއަށްދާނެ މަޝްރޫއުތަކެއްކަން އެ ޔަގީންކަން އަޅުގަނޑު އަރުވަން،” ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން، ލ. މާބައިދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމާއި، ސްކޫލުގެ މަލްޓިޕާޕަސް ހޯލެއް ގާއިމުކުރުމާއި، ފުޓްބޯޅަދަނޑު ތަރައްގީކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ވެސް މި ޖަލްސާގައި ވަނީ ސޮއިކޮށްފައެވެ. މި މަޝްރޫއުތަކަކީ ރަށުގެ ތަރައްގީއަށް މުހިންމު މަޝްރޫއުތަކެއް ކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.