ބޮޑުތަކުރުފާނުމަގު އުތުރު ފަރާތް ހަތަރު ލޭނަކަށް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ތާރު އެޅުމުގެ މަސައްކަތް ފެށުމާ ގުޅިގެން އެ ސަރަހައްދުގެ ބައެއް މަގުތައް އާންމު ޓްރެފިކަށް ބަންދުކުރަން ނިންމާފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން މިއަދު ހާމަކޮށްފިއެވެ.
ފުލުހުން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގުގައި ތާރު އެޅުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ސަރަހައްދު އޮކްޓޫބަރު 25 ވަނަ ދުވަހުން ފެށިގެން އާންމު ޓްރެފިކަށް ބަންދުކުރެވޭނެ ކަމަށެވެ. މީގެ ތެރޭގައި ބޮޑުތަކުރުފާނު މަގުގެ އިތުރުން ޖުމްހޫރީ ހިނގުމުގެ ބައެއް، ޗާންދަނީ މަގުގެ ބައެއް، އިބްރާހިމް ހަސަން ދީދީ މަގުގެ ބައެއް، މުހައްމަދު އިސްމާއީލް ދީދީ ގޯޅި އަދި ކަނޑިދޮން މަނިކު ގޯޅި ހިމެނެއެވެ.
އެމްޓީސީސީން ކުރިއަށްގެންދާ މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށިފައިވަނީ އޮގަސްޓް 22 ވަނަ ދުވަހުއެވެ. ތިން ސެގްމަންޓަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަސައްކަތުގެ ދަށުން 830 މީޓަރުގެ މަގެއް ހަދާއިރު 737 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލް މަސައްކަތް ކުރެވޭނެއެވެ.
މި މަޝްރޫއުގެ ދަށުން ހުޅުމާލެ ފެރީ ޓާމިނަލުން ފެށިގެން ލޯކަލް މާރުކޭޓާ ހަމައަށް މަގު ހެދުމުގެ މަސައްކަތް ކުރެވޭނެއެވެ. މީގެ އިތުރުން ތާރު އަޅައި ސަބްބޭސް ތައްޔާރު ކުރުމާއި، ހިނގާ މީހުންނަށް ވަކި ލޭނެއް ގާއިމުކުރުމާއި، ފެން ހިންދާ ނިޒާމެއް ގާއިމުކުރުމުގެ އިތުރުން ރޯޑް މާކިންގ އަދި ސައިން ބޯޑުތައް ހަރުކުރެވޭނެއެވެ.