އެކަނިވެރި މައިންނާއި ބަފައިންނަށް ދޭ އެލަވަންސް ކޮންމެ ދަރިއަކަށް 3000ރ. އަށް ބޮޑުކުރަން ރައީސް ނިންމަވައިފިއެވެ.
ލ. ގަމުގައި މިރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އެކަނިވެރި މައިންނާއި ބަފައިންނަށް ދަރިންގެ ތަރުބިއްޔަތަށް މިހާރު ދެމުން އަންނަ އެލަވަންސް، އަންނަ ޖެނުއަރީ މަހުން ފެށިގެން ކޮންމެ ދަރިއަކަށް މަހަކު 3,000ރ. އަށް ބޮޑުކުރައްވާނެ ކަމަށް ވިދާޅުވެއްޖެއެވެ. މިއީ ރައީސްގެ ރިޔާސީ މެނިފެސްޓޯގައި ހިމެނޭ މުހިންމު ވައުދެކެވެ.
ރައީސް މިހާރު ލ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ގަމުގައި ރޭ ބޭއްވި ޖަލްސާގައި ވިދާޅުވީ، މި ވައުދު ފުއްދުމަށްޓަކައި އަންނަ އަހަރަށް ލަފާކުރާ ބަޖެޓްގައި 211 މިލިއަން ރުފިޔާ ހިމަނާފައިވާނެ ކަމަށެވެ. އެގޮތުން، އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އެކަނިވެރި މައިންނާއި ބަފައިންގެ ކޮންމެ ދަރިއަކަށް، ޖުމްލަ 12,000ރ. އަށްވުރެ އިތުރުނުވާނެ ގޮތަށް 3,000ރ. ލިބިގެންދާނެއެވެ. މިހާރު އެއް ކުއްޖަކަށް 2,000ރ. ލިބޭއިރު، އެކަކަށްވުރެ ގިނަ ކުދިން ތިބޭނަމަ ކުއްޖަކަށް 1,000ރ. ގެ ރޭޓުންނެވެ. މި އެލަވަންސް ލިބެންޖެހޭ 5,878 މީހުން ރާއްޖޭގައި އެބަ ތިއްބެވެ.
އެކަނިވެރި މައިންނާއި ބަފައިންނަށް ދެވޭ އެލަވަންސްގެ އިތުރުން، ތެލެސީމިއާ ބަލީގައި ތިބި ކުދިންނަށް ވެސް އަންނަ ޖެނުއަރީ މަހުން ފެށިގެން މަހަކު 1,000ރ. ގެ އެލަވަންސެއް ދޭން ފަށާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މި އެލަވަންސަށްޓަކައި އަންނަ އަހަރުގެ ބަޖެޓްގައި 11.7 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ. ތެލެސީމިއާ ކުދިންގެ ގޮތުގައި 982 ކުދިން ރަޖިސްޓްރީވެފައިވާއިރު، މިއީ އަލަށް ދޭން ފަށާ އެލަވަންސެކެވެ.
މިދިޔަ މަހު އެކަނިވެސް 69 ކުއްޖަކު އެކަނިވެރި މައިން ނުވަތަ ބަފައިންގެ ބެލުމުގެ ދަށަށް އަލަށް ރަޖިސްޓްރީވެފައިވެއެވެ. އަދި މިދިޔަ އޮގަސްޓް މަހު އެކަނިވެސް އެންސްޕާއިން ވަނީ މިފަދަ ކުދިންނަށް 4.9 މިލިއަން ރުފިޔާ ދޫކޮށްފައެވެ.
މިކަމާ ގުޅޭގޮތުން ރައީސް ޑރ. މުއިއްޒު ވާހަކަ ދައްކަވަމުން ދިވެހި ރައްޔިތުންނަށް ދެއްވި ވައުދުތައް ފުއްދެވުމަށް ކުރައްވާ މަސައްކަތްތައް ފާހަގަކުރެއްވިއެވެ.