ކުރިއަށް އޮތް 10 ވަރަކަށް ދުވަހުގެ ތެރޭގައި އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ޕްރައިވެޓް ކުންފުނިތަކާ ސަރުކާރުގެ މަޝްރޫޢުތައް ހަވާލުކުރަން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއުލާންކުރައްވައިފިއެވެ.
މި ކަން ރައީސުލްޖުމްހޫރިއްޔާ އިއުލާންކުރެއްވީ ހައްދުންމަތީގެ މީހުން ދިރިއުޅޭ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ލ. ގަމު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައެވެ. މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ޤާނޫނާއި ގަވާއިދުގެ ތެރެއިން މި މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށެވެ.
“ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ކުންފުނިތަކަށް އަދި ބައެއް ބޮޑެތި ކުންފުނިތަކަށް ކުރިއަށް އޮތް 10 ވަރަކަށް ދުވަސްތެރޭގައި އަޅުގަނޑުމެން އެކި ކަހަލަ ސަރުކާރުގެ މިހިރަ އެކި މަޝްރޫޢުތައް ހަވާލުކުރާނަން،” ރައީސް ވިދާޅުވިއެވެ.
މި މަޝްރޫޢުތައް ޕްރައިވެޓް ކުންފުނިތަކާ ހަވާލުކުރުމުން އިޤްތިޞާދީ ގޮތުން ގިނަ ފައިދާތަކެއް ކުރާނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އަދި މީގެ ސަބަބުން އެތައް ކުންފުންޏަކަށް ފައިސާ ލިބޭނެ މަގު ތަނަވަސްވެ، އާއިލާތަކަށް މާލީ ތަނަވަސްކަން ލިބި، ޤައުމުގެ އިޤްތިޞާދު އިތުރަށް ފުޅާވެގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
މި ނިންމެވުމަކީ އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ދިވެހި ކުންފުނިތަކަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެއް ކަމަށް ވިޔަފާރިވެރިން ފާހަގަކުރެއެވެ. އަދި މި ފުރުސަތުގެ ބޭނުން ހިފައި، ގިނަ ކުންފުނިތަކަކުން ސަރުކާރުގެ މަޝްރޫޢުތަކުގައި ބައިވެރިވުމަށް ޝައުޤުވެރިކަން ފާޅުކުރަމުންދާ ކަމަށް ވެސް މަޢުލޫމާތު ލިބެއެވެ.