ރާއްޖޭގައި ޒަމާންތަކެއް ވަންދެން އައިސްފައިވާ އެއް ރަށް އަނެއް ރަށާ ތަފާތުކުރުމުގެ އާދަ ނައްތާލައި، ގައުމުގައި އަދުލު އިންސާފު ގާއިމުކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މިފަދައިން ރައީސް ވިދާޅުވީ ލ. ގަމު ރައްޔިތުންނާ ބައްދަލުކުރެއްވުމަށްފަހު އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
ގަމަކީ އެއަތޮޅުގެ އެންމެ ބޮޑު އާބާދީ އޮތް ރަށް ކަމުގައި ފާހަގަކުރެއްވި ރައީސް، “އަޅުގަނޑުގެ ޒިންމާއަކީ ތަފާތުކުރުމެއް ނެތި ހަމަހަމަކަމާއި އަދުލުވެރިކަމާއެކީގައި ގަމުގެ ރައްޔިތުންނަށް ތަރައްގީ ގެނެސްދެއްވުން” ކަމަށް ވިދާޅުވިއެވެ. އަދި މިކަން ރައްޔިތުންނަށް ފުރިހަމަކޮށްދެއްވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވިއެވެ.
ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ޒަމާންތަކެއް ވަންދެން އާބާދީ އެއްފަސްކުރުމުގެ ވާހަކަ ދެކެވުނު ނަމަވެސް، ގަމަށް އެކަށީގެންވާ ތަރައްގީ ގެނެވިފައި ނުވާކަން ރައްޔިތުން ވެސް ގަބޫލުކުރާނެ ކަމެކެވެ. މި ކަންކަން ބަދަލުކޮށް، ރާއްޖޭގެ ހުރިހާ ރަށަކަށް ހަމަހަމަ ތަރައްގީ ގެނެސްދިނުމަކީ މި ސަރުކާރުގެ އަމާޒެއް ކަމުގައި ވިދާޅުވިއެވެ.
އެ ސަރަހައްދުގެ ތަރައްގީއަށް އަމާޒުކޮށް، ޓޫރިޒަމް ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. މީގެ ތެރޭގައި ގަމާ ކައިރިން ރިސޯޓެއް ތަރައްގީކުރުމުގެ މަސައްކަތް ފެށިފައިވާ ކަމަށާއި، އިތުރު ތިން ނުވަތަ ހަތަރު ރިސޯޓު އެ ސަރަހައްދުގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ ކަމަށް ވިދާޅުވިއެވެ.
ރައީސް މުއިއްޒު ވަނީ މިރޭ ސޮއިކުރެވުނު އަދި އަމަލީ މަސައްކަތް ފެށިފައިވާ ހުރިހާ މަޝްރޫއެއް ވެސް އޭގެ އެންމެ ފުރިހަމަ ގޮތުގައި ނިންމާލަދެއްވާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވާފައެވެ. އަދި މި މަޝްރޫއުތަކުގެ ސަބަބުން ސަރަހައްދުގެ ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް އިތުރުވެ، އާއިލާތަކާ ދުރުނުވެ ވަޒީފާ އަދާކުރެވޭނެ މަގު ފަހިވެގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.