ލ ގަސްގަނޑު ފިނޮޅުގައި ޓޫރިސްޓު ރިސޯޓެއް ތަރައްޤީކުރުމުގެ މަޝްރޫޢު ފަށައިފިއެވެ. މި މަޝްރޫޢު ހަވާލުކޮށްފައިވަނީ ބައިސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހައްދުންމަތީގެ ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި، ގަމު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރެވުނެވެ. މި އެއްބަސްވުމުގައި ސޮއިކުރީ ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާއާއި ބައިސަން މޯލްޑިވްސްއާ ދެމެދުއެވެ.
ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި ދިވެހިރާއްޖޭގައި އެކަށީގެންވާ މިންވަރަށް ފަތުރުވެރިކަމުގެ ވިޔަފާރި ފުޅާކުރެވިފައި ނެތް އަތޮޅުތަކުގައި ރިސޯޓު ތަރައްޤީކުރުމަށް ސަރުކާރުން އެކަށައަޅުއްވާފައިވާ ޕްލޭނުގެ ދަށުން، ގަސްގަނޑު ފިނޮޅުގެ މަޝްރޫޢުގެ އިތުރުންވެސް، އެ އަތޮޅުގައި ފަތުރުވެރިކަމާ ގުޅުންހުރި އިތުރު މަސައްކަތްތައް ކުރިއަށްދާނެއެވެ.
ރައީސް މުޢިއްޒުގެ މި ދަތުރުފުޅުގައި ގަމުގައި އިތުރު ގިނަ މަޝްރޫޢުތަކެއް ފެށިގެންދާނެއެވެ. މިގޮތުން ގަމު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. އަދި ފެނާއި ނަރުދަމާގެ ނިޒާމު އަޕްގްރޭޑްކުރުމާއި، ރިހެބިލިޓޭޝަން ސެންޓަރެއް ޤާއިމުކުރުމުގެ މަސައްކަތްވެސް ފެށުމަށް ވަނީ ހަމަޖެހިފައެވެ.
މީގެއިތުރުން، ގަމުގެ މަގުތައް ތަރައްޤީކުރުމާއި، ގަން ރީޖަނަލް ހޮސްޕިޓަލް ޓަރޝަރީ ފެންވަރަށް ތަރައްޤީކުރުމާއި، ސްޕޯޓްސް ކޮމްޕްލެކްސްއެއް އަދި އައު ބަނދަރެއް ޤާއިމުކުރުމުގެ އެއްބަސްވުންތަކުގައިވެސް ވަނީ ސޮއިކުރެވިފައެވެ. އަދި ކުރިއަށް އޮތް ފަސް މަސްދުވަހުގެ ތެރޭގައި މުޅި އަތޮޅަށް އާރް.ޓީ.އެލް ޚިދުމަތް ފުޅާކުރެވޭނެ ކަމަށް ރައީސް މުޢިއްޒު ވަނީ ހާމަކުރައްވާފައެވެ.