ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓް 11ވަނަ ޓަވަރުގެ އެޕާޓްމަންޓެއްގައި ރޯވި އަލިފާން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ނިއްވާލައިފިއެވެ.
މި ހާދިސާގައި އަލިފާން ރޯވީ، އެ ޓަވަރުގެ 3ވަނަ ފަންގިފިލާގައި ހުންނަ އެޕާޓްމަންޓެއްގެ ބެލްކަނީގައި ބަހައްޓާފައިވާ އެކްޒޯސްޓަކުން ކަރަންޓް ޝޯޓް ވެގެންނެވެ.
އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސަށް މި ހާދިސާގެ މައުލޫމާތު ލިބުނީ މިއަދު 11:25 ހާ އިރުއެވެ. އަދި މައުލޫމާތު ލިބުމާ އެކު، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް، ރޯވި އަލިފާން ނިއްވާލާފައެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ނަމަވެސް، އެޕާޓްމަންޓުގެ ބެލްކަންޏަށް އަލިފާނުގެ ސަބަބުން ބައެއް ގެއްލުންތައް ވަނީ ވެފައެވެ.