ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ “މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް” މަޝްރޫޢުގެ ދަށުން މިއަދު ލ. ކަލައިދޫގައި އޭޓީއެމްގެ ޚިދުމަތް ފެށުމާއެކު، ލ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިހާރުވަނީ އޭޓީއެމްގެ ޚިދުމަތް ޤާއިމުކުރެވިފައެވެ.
ކަލައިދޫގައި އޭޓީއެމްގެ ޚިދުމަތް ތަޢާރަފުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ބީއެމްއެލްގެ ޗެއަރޕާސަން އަޙްމަދު ޢަލީ ޙަބީބު، އަދި ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފުގެ އިތުރުން ބޭންކުގެ އިސް ވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވީ، “ރައްޔިތުން ބޭންކިންގ ނިޒާމުގެ ތެރެއަށް ވެއްދުމުގައި އޭޓީއެމްތަކުން މުހިންމު ދައުރެއް އަދާކުރޭ. ބޭންކުގެ ވިއުގަ ފުޅާކުރުމަށް މަސައްކަތްކުރަމުން ދާއިރު ޑިޖިޓަލް ޚިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ވެސް އަޅުގަނޑުމެން މިދަނީ މުހިންމު މަސައްކަތްކުރަމުން” ކަމަށެވެ.
ބީއެމްއެލްއިން ފާހަގަކުރި ގޮތުގައި، މިވަގުތު ބޭންކުން ވަނީ މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގައެއް ޤާއިމުކޮށްފައެވެ. މީގެ ތެރޭގައި 20 އަތޮޅުގައި 42 ބްރާންޗް، 200 ސެލްފް ސަރވިސް ބޭންކިންގ ސެންޓަރު، އަދި 258 އޭޓީއެމް ހިމެނެއެވެ.
ބޭންކުން އިތުރަށް ފާހަގަކުރި ގޮތުގައި، އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު، ބޭންކުގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމަޢުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.