އައްޑޫ ސިޓީ ހިތަަދޫގެ ގެއެއް ތެރޭގައި މަރުވެފައި އޮތް ދެ މީހުން ފެނިއްޖެ އެވެ. މި ދެ މީހުންނަކީ އެ ގޭގައި ދިރިއުޅެމުން އައި ދެމަފިރިން ކަމަށް އާއިލާއިން ވަނީ ކަށަވަރު ކޮށްދީފަ އެވެ.
މިކަމާ ގުޅޭ ގޮތުން ހާދިސާ ހިނގި ސަރަހައްދުގައި ދިރިއުޅޭ ޒުވާނަކު ހުވަދޫ މީޑިއާއަށް މައުލޫމާތު ދެމުން ބުނީ އެ ދެމީހުންނަކީ ހަމަ ރަނގަޅަށް، ހަމަޖެހޭ ގޮތަކަށް ދިރިއުޅެމުން އަންނަ ދެމަފިރިންނެވެ. ރޭގައި ރަށުން ކަރަންޓު ދިޔަ ކަމަށާއި އެގަޑީގައި އެމީހުން ގޭގައި ޖަނަރޭޓަރު ޖައްސައިގެން ކަމަށްވެސް ޒުވާނާ ވަނީ ބުނެފައެވެ.
“އެއީ ބޮޑީ އައްލާގެ ބޭބެއާއި ފަހަރި، ރޭ ކަރަންޓު ގޮސްފައި 1 ގަޑިއިރު އޮތީ، އެގަޑީގައި އެދެމަފިރިން އެގޭގައި ޖަނަރޭޓަރު ޖައްސައިގެން ތިބި ކަމަށް ވަނީ، ޖަނަރޭޓަރުގެ ދުންގަނޑު ހުރި، ބިމަށް ވެއްޓިފައި ތިބީ، ރޭ އެކަމެއް ވީ ކަމަށްވަނީ، އެކަމަކު އެމީހުން ނަގައިގެން ގެންދިޔައީ،” ހުވަދޫމީޑިއާ އަށް މައުލޫމާތު ދިން ޒުވާނާ ކިޔައިދިނެވެ،
ފުލުހުން މައުލޫމާތު ދިން ގޮތުގައި މި މައްސަލަ ފުލުހުންނަށް ހުށަހެޅުމާ ގުޅިގެން ފުލުހުން ދަނީ ހަރަކާތްތެރި ވަމުންނެވެ. އަދި މި މައްސަލައިގެ ތަހުގީގު މިހާރު ވަނީ ފަށާފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ހިތަދޫ ޓޫރިޒަމް ސަރަހައްދާ ކައިރީގައި ހުންނަ، އަލަށް ހަދަމުންދިޔަ ގެއެއްގައެވެ. އެ ދެމަފިރިން ދިރިއުޅެމުން ދިޔައީ އެ ގޭގައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
މި ހާދިސާއާ ގުޅިގެން މަރުވެފައިވާ ދެމަފިރިންގެ ހަށިގަނޑު ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ.