ޔަހޫދީން ހިފާފައިވާ ފަލަސްޠީނުގެ ވެސްޓް ބޭންކު، ޔަހޫދީ ދައުލަތުގެ ބައެއްގެ ގޮތުގައި ކަނޑައެޅުމަށްޓަކައި ޑްރަފްޓްކުރި ދެ ބިލަކަށް ޔަހޫދީންގެ ޤާނޫނު ހަދާ މަޖިލީހުން (ކެނެސެޓް) ރުހުންދިނުން، ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ. މިކަމާ ގުޅިގެން ދިވެހި ސަރުކާރުން ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފަށް ހިންގާ މި ޢަމަލު ހުއްޓުވުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢަށް ވަނީ ގޮވާލާފައެވެ.
ޚާރިޖީ ވުޒާރާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ޔަހޫދީން ހިފާފައިވާ ފަލަސްޠީނުގެ ވެސްޓް ބޭންކު، ޔަހޫދީ ދައުލަތުގެ ބައެއްގެ ގޮތުގައި ކަނޑައެޅުމަށްޓަކައި ޑްރަފްޓްކުރި ދެ ބިލަކަށް ޔަހޫދީ ޤާނޫނު ހަދާ މަޖިލީހުން ރުހުންދީފައިވާތީ، ބައިނަލްއަޤުވާމީ ޤާނޫނާއި ހަމަތަކާ ޚިލާފަށް ހިފާފައިވާ ޙައްޤު ނޫން ސަރަހައްދެއް މިލްކުކުރަން ކުރާ މަސައްކަތް ކުށްވެރިކުރާ ކަމަށެވެ. މިފަދަ ނިންމުންތަކަކީ ސަރަހައްދުގެ ހަމަޖެހުމަށާއި ސުލްޙައަށް ހުރަސްއަޅާ، ޙާލަތު އިތުރަށް ގޯސްކޮށްލާނެ ނިންމުންތަކެއް ކަމަށް ޚާރިޖީ ވުޒާރާއިން ވަނީ ފާހަގަކޮށްފައެވެ.
ޚާރިޖީ ވުޒާރާއިން ވަނީ ބައިނަލްއަޤުވާމީ ޤާނޫނުތަކާއި ހަމަތަކާ ޚިލާފަށް ޔަހޫދީން ނިންމި މި ނިންމުން ހުއްޓުވައި، ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތައް ކަށަވަރުކޮށްދިނުމަށް ގޮވާލާފައެވެ. އަދި ހިފާފައިވާ ފަލަސްޠީނުގެ ބިންތަކުގައި ޔަހޫދީން ހިންގާފައިވާ އެންމެހައި ޖަރީމާތަކާއި ލާއިންސާނީ ޢަމަލުތަކަށް ޔަހޫދީން ޒިންމާދާރުކުރުވުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢަށް ވަނީ ވަކިން ޚާއްސަ ގޮވާލުމެއް ދަންނަވާފައެވެ.
ދިވެހި ސަރުކާރުގެ ބަޔާނުގައި އިތުރަށް ބުނީ، ދިވެހިރާއްޖެއިން އަބަދުވެސް ތާޢީދުކުރާނީ ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތައް ކަށަވަރުވެ، 1967 ވަނަ އަހަރުގެ ކުރީގެ ބޯޑަރުތަކާ އެއްގޮތަށް މިނިވަން މުސްތަޤިއްލު ފަލަސްޠީން ދައުލަތެއް އިރުމަތީ ޤުދުސްއަކީ ވެރިރަށްކަމުގައި ކަނޑައެޅިގެން ޤާއިމުވެގެން ދިއުމަށް ކަމަށެވެ. މިފަދަ އެއްވެސް ޤާނޫނެއް ފާސްކުރުމަކީ ސުލްޙަވެރި ޙައްލެއް ހޯދުމަށް ހުރަސް އަޅާނެ ކަމެއް ކަމަށް ދިވެހި ސަރުކާރުން ދެކެއެވެ.
ވެސްޓް ބޭންކު އަނެކްސްކުރުމަށްޓަކައި ޑްރަފްޓްކުރި ދެ ބިލު ފުރިހަމަ ޤާނޫނަކަށް ހެދުމަށްޓަކައި ޖުމްލަ ހަތަރު ވޯޓަށް އަހަންޖެހެއެވެ. މިހާތަނަށް ވަނީ ޔަހޫދީންގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުންގެ އަޤުލަބިއްޔަތުން ފުރަތަމަ ވޯޓުގައި ބިލަށް ރުހުންދީފައެވެ. މި ބިލުތަކަކީ ސަރަހައްދީ މައްސަލަތައް އިތުރަށް ގޯސްކޮށްލާނެ ނުރައްކާތެރި ބިލުތަކެއްގެ ގޮތުގައި ބައިނަލްއަޤުވާމީ މުޖުތަމަޢުގެ ބޮޑު ކަންބޮޑުވުމެއް އުފެދިފައިވާ ކަމެކެވެ.