މިހާރު ދައްކަމުންދާ މަޝްހޫރު ޑްރާމާ ސިލްސިލާ “ކިޔު ކީ ސާސް ބީ ކަބީ ބަހޫތީ” ގެ ދެވަނަ ސީޒަންގައި ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ތެރެއިން އެކަކު ކަމަށްވާ ބިލް ގޭޓްސް ބައިވެރިވާނެ ކަމަށް ސްޓާ ޕްލަސް އިން ހާމަކޮށްފިއެވެ.
ސްޓާ ޕްލަސްއިން ދައްކާފައިވާ ޕްރޮމޯގައި ބިލް ގޭޓްސް އާއި ސިލްސިލާގެ މައިގަނޑު ރޯލު އަދާކުރާ ސުމިރްތީ އިރާނީ ވީޑިއޯ ކޯލެއްގައި މުޢާމަލާތްކުރާ މަންޒަރު ފެނިގެންދެއެވެ. މި ސިލްސިލާގައި މިހާރު ދައްކަމުންދަނީ މާބަނޑުވުމާއި އަލަށް ވިހާ ދަރިންގެ ސިއްހަތަގެ މައްޗަށް ހަދާފައިވާ އެޕިސޯޑުތަކެވެ.
ބިލް ގޭޓްސް މި ސިލްސިލާގައި ބައިވެރިވުމަށް ނިންމި މައިގަނޑު ސަބަބަކީ، އޭނާ އާއި ކުރީގެ އަނބިކަނބަލުން މެލިންޑާ ގޭޓްސް ހިންގަވާ “ބިލް އެންޑް މެލިންޑާ ގޭޓްސް ފައުންޑޭޝަން” އިން އަންހެނުންގެ ޙައްޤުތަކަށް ވަކާލާތުކޮށް، އަންހެނުންގެ ޞިއްޙަތާ ގުޅޭ މަޝްރޫޢުތަކަށް ބޮޑެތި ހޭދަތަކެއް ކުރަމުން ގެންދާތީއެވެ.
“ކިޔު ކީ ސާސް ބީ ކަބީ ބަހޫތީ” ގެ ދެވަނަ ސީޒަންގައި ގޭޓްސްގެ ބައިވެރިވުން ހިމެނުމުގެ މަޤްޞަދަކީ، މި ސިލްސިލާގައި މިހާރު އިސްކަންދެމުންދާ މައްސަލަތަކަށް ބައިނަލްއަޤްވާމީ ފެންވަރުގައި ސަމާލުކަން ހޯދުމެވެ.
މިކަމާ ގުޅޭގޮތުން ސުމިރްތީ އިރާނީ ވިދާޅުވެފައިވަނީ، އޭނާގެ ސިލްސިލާގައި ގޭޓްސް ބައިވެރިވުމަކީ ވަރަށް ތާރީޚީ އަދި ޝަރަފުވެރި ކަމެއް ކަމުގައެވެ.
“ކިޔު ކީ ސާސް ބީ ކަބީ ބަހޫތީ” ގެ ދެވަނަ ސީޒަން ސްޓާ ޕްލަސްއިން ދައްކަން ފަށާފައިވަނީ 2023 ވަނަ އަހަރުގެ ޖުލައި މަހުގެ 29 ވަނަ ދުވަހުން ފެށިގެންނެވެ.