ލަވަކިޔުންތެރިޔާ މަރްޔަމް މައީޝާ (ރާޅު މަރިޔަނބު)، އޭނާގެ ދަރިފުޅަށް އިހުމާލުވާ ކަމަށް ބުނެ ޖެންޑާ މިނިސްޓްރީއަށް ހުށަހެޅި ރިޕޯޓަކާ ގުޅިގެން މިނިސްޓްރީގެ އޮފިޝަލުން އޭނާގެ ގެއަށް ގޮސް ބެލިއިރު، އެ ގެއިން މައީޝާގެ ދަރިއަކު ނުހުންނަކަން މިނިސްޓްރީއަށް އެނިގއްޖެއެވެ.
މައީޝާ މިއަދު އެކްސް (ކުރީގެ ޓްވިޓާ)ގައި ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، ޖެންޑާ މިނިސްޓްރީން ވަނީ އޭނާގެ ދައްތައަށް ގުޅައިފައެވެ. މިނިސްޓްރީން ބުނެފައިވަނީ މައީޝާ އޭނާގެ ދެ އަހަރުގެ ދަރިފުޅަށް އިހުމާލުވަމުންދާތީ އެ ދަރިފުޅު މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންދަން ބޭނުން ކަމަށެވެ. އެ ރިޕޯޓް މިނިސްޓްރީއަށް ހުށަހެޅީ ކާކުކަން ނޭނގޭ ގޮތަށް ކަމަށް ވެސް މައީޝާ ފާހަގަ ކުރިއެވެ.
މައީޝާ ބުނި ގޮތުގައި މިނިސްޓްރީން ފުރަތަމަ އޭނާއާ ސީދާ މުއާމަލާތެއް ނުކުރެއެވެ.
“އެ މީހުން (މިނިސްޓްރީން) އަޅުގަނޑާ މުއާމަލާތެއް ނުކުރޭ، އަޅުގަނޑުގެ ދައްތައަށް ގުޅީ. އެހެންވެ އަޅުގަނޑު ވަނީ ގުޅައި (މިނިސްޓްރީއަށް) އެކަން ސާފުކޮށްދިނުމަށް ގުޅައިފަ، ނަމަވެސް އެ މީހުން ފޯނެއް ނުނަގާ. އެފަހުން އަޅުގަނޑަށް ލިބުނީ ދައްތަގެ ފަރާތުން ފޯން ކޯލެއް، އެ މީހުން (މިނިސްޓްރީ) މީހުން ގޭގައި ތަހުގީގުކުރަން އައިސްތިބި ކަމަށް,” މައީޝާ
ނަމަވެސް، މިނިސްޓްރީގެ އޮފިޝަލުން ގޭގައި ތަހުގީގު ކުރުމުގެ ތެރެއިން އެނގުނީ މައީޝާގެ ދަރިއަކު ނުހުންނަ ކަމެވެ. ދަރިއެއް ނެތް ކަމަށް ތުހުމަތުކޮށް ރިޕޯޓްކުރެވުމުގެ ސަބަބުން އޭނާ ވަނީ މިކަމާ ގުޅިގެން ހައިރާންކަން ފާޅުކޮށްފައެވެ. “އަޅުގަނޑުގެ ދަރިއެއް ނުހުންނާނެ” މައީޝާ ވަނީ ވަރަށް ސާފުކޮށް ބުނެފައެވެ.
މައީޝާ ބުނެފައިވާ ގޮތުގައި މިކަހަލަ ސީރިއަސް ތުހުމަތުތަކެއް ކުރުމަކީ ވަރަށް ނުރައްކާތެރި ކަމެކެވެ. އަދި މިކަމާ ގުޅޭ އިތުރު މައުލޫމާތު ވަރަށް އަވަހަށް ހާމަކުރާނެ ކަމަށް ވެސް އޭނާ ވަނީ ފާހަގަކޮށްފައެވެ.