އައްޑޫ ސިޓީގައި ނިޔާވި ދެމަފިންގެ މައްޗަށް ކުރެވޭ ކަށުނަމާދު، މި ހުކުރު ނަމާދަށް ފަހުު ބާއްވާގޮތަށް ހަމަޖައްސައިފިއެވެ. މި ދެމަފިރިންނަކީ ސ. ހިތަދޫ ކްރޭންގެ، އުމުރުން 60 އަހަރުގެ އިބްރާހީމް އަބްދުﷲ އާއި ސ. މަރަދޫ ނާރެސް، އުމުރުން 52 އަހަރުގެ ފަރަޙްނާޒް ރަޝީދެވެ. މި ދެމީހުން މަރުވެފައި އޮއްވާ ފެނުނީ ހިތަދޫ ގޭގެއެއްގެ ތެރެއިންނެވެ.
ފުލުހުންގެ ޚިދުމަތުން ވިދާޅުވާ ގޮތުގައި، މި މައްސަލާގައި މިހާތަނަށް ބެލި ބެލުމުން ތުހުމަތުކުރެވޭ ކަމެއް ފާހަގަކުރެވިފައި ނުވާކަމަށެވެ. ނަމަވެސް، މައްސަލައިގައި އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށްފަހު، މިހާރު މި ވަނީ ހުކުރަށް ފަހު ކަށު ނަމާދު ބޭއްވުުމަށް ނިންމާފައެވެ. މި ދެމީހުންގެ ހަށިގަނޑު ހޮސްޕިޓަލަށް ގެންދެވުނީ 22 ވަނަ ދުވަހު ހަވީރު 16:15 ހިސާބުގައެވެ. އަދި ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަން ކަށަވަރުކޮށްދިނެވެ.
ނިޔާވި ފަރާތްތަކުގެ ކަށުނަމާދު ބޭއްވުމަށް ހަމަޖެހިފައިވާ ގޮތުން، ފަރަޚްނާޒް ރަޝީދުގެ ކަށުނަމާދު ބޭއްވުމަށް ހަމަޖެހިފައިވަނީ މަރަދޫ، މަސްޖިދުލް އިޚްލާޞް (ބުރުޒު މިސްކިތް) ގައެވެ. އަދި އިބްރާހީމް އަބްދުﷲގެ ކަށުނަމާދު ބޭއްވުމަށް ހަމަޖެހިފައިވަނީ ހިތަދޫ މަސްޖިދުލް ތަޤްވާ (ހުސެއިން މޫސާ މިސްކިތް) ގައެވެ. މި ދެ ކަށުނަމާދު ވެސް އޮންނާނީ މިއަދުގެ ހުކުރު ނަމާދަށް ފަހުގައެވެ.
އައްޑޫ ސިޓީ ހިތަދޫން ދެމަފިރިއަކު ނިޔާވެފައިވާ ހާލުތުގައި ފެނުން ވެގެން ދިޔައީ ގިނަ ބަޔަކަށް ލިބުނު ކުއްލި ސިހުމަކަށެވެ. މި ހާދިސާ ހިނގި ގޭގައި ކަރަންޓު ޚިދުމަތް ގުޅާފައި ނެތުމުން، އާންމުކޮށް ކުޑަ ޖަނަރޭޓަރެއް މެދުވެރިކޮށް ކަރަންޓު ދިންކަމަށް ވަނީ އެނގިފައެވެ. މި ހާދިސާ ހިނގުމުގެ ސަބަބާ ބެހޭގޮތުން ރަށުގެ މީހުން ދެ ގޮތަކަށް ވާހަކަ ދައްކައެވެ.
އެކެއްގެ ވާހަކަ އަކީ ކަރަންޓުގައި ޖެހިގެން ހާދިސާ ހިނގީ ކަމެވެ. އަނެއް ބައި މީހުން ދެކޭ ގޮތުގައި ޖަނަރޭޓަރު ޖައްސާފައި ހުރުމުގެ ސަބަބުން ގޭތެރޭގައި ވިހަ ދުމުގެ މިންވަރު އިތުރުވެގެން މި ހާދިސާ ހިނގީއެވެ. ނަމަވެސް މި މައުލޫމާތުތަކުގެ ތެރެއިން އެއްވެސް ކަމެއް ރަސްމީ އިދާރާއަކުން އަދި ސާފުކޮށްދީފައެއް ނުވެއެވެ.

