އާންމުކޮށް ދިވެހިންގެ ގޭގޭގައިވެސް ބޭނުންކުރާ ސާފުކުރާ ކެމިކަލްތަކަކީ ތަކެތި ސާފުކޮށް، ބިމާ ބެކްޓީރިޔާ ނައްތާލުމަށް ވަރަށް ބޭނުންތެރި އެއްޗެކެވެ. ޚާއްސަކޮށް ބްލީޗަކީ އެންމެ އާންމުކޮށް ބޭނުންކުރާ އެއްޗެއް ކަމަށްވާއިރު، އޭގެ ބޭނުން ކުރުމުގައި ރައްކާތެރިކަމަށް ސަމާލުކަން ދިނުން މުހިންމެވެ. ގިނަ ބަޔަކު ހީކުރަނީ ތަފާތު ސާފުކުރާ ކެމިކަލްތައް އެއްކޮށްގެން ސާފުކުރުމުގެ މަސައްކަތް އިތުރަށް އަވަސްކޮށް، މާ ރަނގަޅު ނަތީޖާއެއް ނެރެވޭނެ ކަމަށެވެ. ނަމަވެސް، މިފަދަ ކެމިކަލްތައް އެއްކުރުމަކީ އިންސާނާގެ ނޭވާލާ ނިޒާމަށް ނުރައްކާވާ ވަރަށްޓަކައި ވިހަގޭސް އުފެދިގެންދާ ކަމެކެވެ. ބައެއް ހާލަތްތަކުގައި މިކަން މަރުވާ ހިސާބަށް ވެސް ގެންގޮސްދާނެއެވެ.
ވިހަގޭސް އުފެދޭ ގޮތްތައް: ނުރައްކަލުގެ ކެމިކަލީ ބައި
ބްލީޗަކީ އެހެން ކެމިކަލްތަކާ ވަރަށް އަވަހަށް ރިއެކްޓްކުރާ މާއްދާއެކެވެ. އެކި ކެމިކަލްތަކާއެކު ބްލީޗް އެއްކުރުމުން ތަފާތު ވިހަގޭސްތައް އުފެދެއެވެ. މިފަދަ ތިން ނުރައްކާތަކެއް ތިރީގައި މިވަނީއެވެ:
- ބްލީޗް + އެމޯނިއާ = ކްލޯރަމީން ގޭސް: ގިނަ ފާރުތައް ސާފުކުރާ އަދި ޖިފުޓި ސާފުކުރާ ކެމިކަލްތަކުގައި އެމޯނިއާ ހުރެއެވެ. ބްލީޗާއި އެމޯނިއާ އެއްކުރުމުން އުފެދޭ ކްލޯރަމީން ގޭހުގެ ސަބަބުން ނޭވާކުރުވެ، މޭގައި ރިއްސާ، ލޮލާއި ނޭފަތަށް ބޮޑެތި އުދަނގޫތަކެއް ކުރިމަތިވެއެވެ. މިކަމުގެ ސަބަބުން ފުއްޕާމޭގައި ދުޅަފިލާ ނުލާ ބަލިތައް އުފެދެން ވެސް ދާދާނެއެވެ.
- ބްލީޗް + އެސިޑް = ކްލޯރީން ގޭސް: ޓޮއިލެޓް ސާފުކުރާ ކްލީނަރުތަކާއި، އަދި ބައެއް ޑްރެއިން ކްލީނަރުތަކުގައި ބާރުގަދަ އެސިޑްތައް ހުރެއެވެ. އަދި އާދައިގެ ގެތަކުގައި ބޭނުންކުރާ ވިނެގަރއަކީ ވެސް އެސިޑް މާއްދާއެކެވެ. ބްލީޗާއި އެސިޑް އެއްކުރުމުން ކްލޯރީން ގޭސް އުފެދެއެވެ. މިއީ ވަރަށް ނުރައްކާތެރި ވިހަ ގޭހެކެވެ. މި ގޭސް ނޭވާލާ ނިޒާމަށް ވަނުމުން ފުއްޕާމޭގެ ތެތްކަމާއެކު ރިއެކްޓްކޮށް ހައިޑްރޯކްލޯރިކް އެސިޑް އުފައްދައެވެ. މިކަމުގެ ސަބަބުން މޭގައި ރިއްސާ، ނޭވާލާން ވަރަށް ބޮޑަށް ދަތިވެ، މަރު ވުމާ ހަމައަށް ވެސް ގޮސްދާނެއެވެ.
- ބްލީޗް + ރަބިންގ އަލްކަހޯލް = ކްލޯރޯފޯމް ގޭސް: މި ދެމާއްދާ އެއްކުރުމުން ކްލޯރޯފޯމް އުފެދެއެވެ. މިއީ ހަށިގަނޑަށް ވިހަ، އަދި ބޯ އަނބުރައި ހެއަށް ގޮތް ވެދާނެ ގޭހެކެވެ.

ބްލީޗާއި އެހެނިހެން ސާފުކުރާ ކެމިކަލްތައް އެއްކޮށްގެން ސާފުކުރުން؛ ނުރައްކާ ކަމެއް، މަރާ ހަމައަށް ވެސް ގެންގޮސްދާނެ—ފޮޓޯ: ކާމް ކްލިނިކް
ނޭވާލާން އުނދަގޫވާ މީހުންނަށް ދިމާވާ ނުރައްކާ
ބްލީޗާއި އެހެން ކެމިކަލްތައް އެއްކުރުމުން އުފެދޭ ވިހަގޭހުގެ ސަބަބުން އެންމެ ބޮޑު ނުރައްކަލެއް ކުރިމަތިވަނީ ނޭވާލާ ނިޒާމުގެ ބަލިތައް، ޚާއްސަކޮށް އެސްތުމާ (Asthma) ހުންނަ ފަރާތްތަކަށެވެ. އެސްތުމާ ހުންނަ މީހުންގެ ނޭވާލާ މަގުތަކަކީ އާދައިގެ މީހުންނަށްވުރެ ބޮޑަށް ހަރުގަދަ އަސަރުތަކަށް އިޖާބަދޭ ތަންތަނެވެ. ކުޑަކޮށް ވިހަ ގޭހުގެ އަސަރު ކޮށްލިނަމަވެސް، އެސްތުމާގެ ބޮޑު ހަމަލާއެއް އަތުވެދާނެއެވެ. ވިހަ ގޭހުގެ އަސަރުގެ ސަބަބުން ނޭވާލާ މަގުތައް ހަނިވެ، ދުޅަވާތީ، ވައި ފުއްޕާމޭއަށް ވަނުން ހުއްޓި، ވަގުތުން ފަރުވާ ނުދެވޭނަމަ ފުއްޕާމޭ ފޭލިވެ މަރުވުން ވެސް ވަރަށް ގާތެވެ.
މިފަދަ ހާދިސާއެއްގެ މިސާލެއް ފާހަގަކޮށްލަމާ ހިނގާށެވެ. ޝީލާ އަކީ ގޭތެރޭގެ ކަންކަން ވަރަށް ސާފުކޮށް ބާއްވާން ބޭނުންވާ މީހެކެވެ. ފާހާނާގެ ފާރުތަކުގައި ވަރަށްބޮޑަށް ކަޅުވެފައި ހުރުމުން އެތަންތަން ސާފުކުރުމަށް އޭނާ ނިންމިއެވެ. ފާހާނާ ސާފުކުރާ ކްލީންކްލީނާއި ބްލީޗް އެއްކޮށްފައި، ފާރުތަކަށް ޖަހައިފިއެވެ. އަދި ފާޚާނާގެ ދޮރު ލައްޕާލާފައި ސާފުކުރަން ފެށިއެވެ. ކުޑަކޮށް ވަސްގަދަވެގެން ކޮށި އަރާ ގޮތް ވުމުން އެއީ މާ ރަނގަޅު ސާފަކަށް ވީމައޭ ހީކޮށްލާ އޭނާ ދިޔައީ މަސައްކަތަށް ސަމާލުކަން ދެމުންނެވެ. ނަމަވެސް، މިނެޓެއް ނުވަނީސް އޭނާއަށް ނޭވާ ނުލެވި، މޭގައި ވަރަށް ބޮޑަށް ރިއްސަން ފެށިއެވެ. ކްލޯރީން ގޭހުގެ އަސަރު މަތިވުމުގެ ސަބަބުން ޝީލާގެ ނޭވާ ހާސްވެ މީހާގެ ހެއަށްވެސް ގޮތެއްވިކަހަލައެވެ. ފާހާނާގެ ދޮރުހުޅުވާފައި ކޮޓަރިއަށް ނުކުތް ވަގުތަކީ ފިރިމީހާ ގެއަށް އައިސް ވަގުތުކަމަށް ވީ ހަމަ ހެޔޮނަސީބެވެ. “މިކޮން ވަހެއް މުޅި ސިޑިމަތީގައިވެސް، ހާދަ ގަދައަށް ބްލީޗުވަސް، އޭތް، ޔާރައްބީ،” ތެޅެމުން ފޮޅެމުން އައި ޝީލާގެ ފިރިމީހާ އަވަހަށް ޝީލާ ގޮވައިގެން ގެެއިން ނުކުތެވެ، އަދި ވަގުތުން ހޮސްޕިޓަލަށް ގެންދިޔައެވެ. އެގޭތެރޭގެ މާހައުލުގައި ވައި ދައުރު ނުވާތީ، ވިހަ ގޭހުގެ އަސަރު އަވަސްވެ، ނުރައްކާ އިތުރުވެގެން ދިޔައީއެވެ.
ސަލާމަތީ ފިޔަވަޅުތައް
ގެއިން މިފަދަ ނުރައްކާތައް ކުރިމަތިވިޔަ ނުދިނުމަށްޓަކައި، ކޮންމެހެންވެސް ތިރީގައިވާ ކަންތައްތަކަށް ސަމާލުކަން ދޭންވާނެއެވެ.
- ކެމިކަލްތައް އެއްނުކުރުން: އެއްވެސް ޙާލަތެއްގައި ބްލީޗް، އެސިޑް، ނުވަތަ އެމޯނިއާ ހިމެނޭ އެހެން ކްލީނަރުތަކާ އެއް ނުކުރާށެވެ. ކޮންމެ އެއްޗެއް ބޭނުންކުރި ނަމަވެސް، އޭގެ ލޭބަލް ބަލާ، އެއްކުރަން ނޭދޭ މާއްދާތައް ދެނެގަންނާށެވެ.
- ވައި ވަދެ ނުކުންނަ މަގުތައް ހުޅުވާލުން: ސިދާ ކެމިކަލްތަކުގެ ބޭނުންކުރާނަމަ، ދޮރާއި ކުޑަދޮރު ހުޅުވާ، ވައި ރަނގަޅަށް ދައުރުވާނެ ގޮތެއް ހަމަޖައްސާށެވެ. ކުޑަ، ބަންދު ފާޚާނާއެއްގައި ވަކިން ޚާއްސަކޮށް މިކަމަށް ސަމާލުކަން ދޭންވާނެއެވެ.
- ސާފުކުރުމަށް ރައްކާތެރި ގޮތްތައް ބޭނުންކުރުން: އާދައިގެ ސާފުކުރުމަށް ސައިބޯނި، ފެން، ނުވަތަ ހައިޑްރޯޖަން ޕެރޮކްސައިޑް ފަދަ، ވިހައިގެ އަސަރު ކުޑަ މާއްދާތައް ބޭނުންކުރާށެވެ.
- އަވަސް ފަރުވާ ހޯދުން: ވިހަ ގޭހުގެ އަސަރު ކުރުމުގެ ޢަލާމާތްތައް (ކެއްސުން، އަނގައާއި ލޮލުން ފެންއައުން، ނޭވާލާން އުނދަގޫވުން) ފެނިއްޖެނަމަ، ލަސް ނުކޮށް ސާފު ވައި ހުރި ތަނަކަށް ގޮސް، ޞިއްޙީ އެހީތެރިކަން ހޯދާށެވެ.
ގެއެއް ސާފުކޮށް ބެހެއްޓުމަށް ބްލީޗް ފަދަ ކެމިކަލްތަކަކީ ވަރަށް މުހިންމު އެއްޗެކެވެ. ނަމަވެސް، މި ކެމިކަލްތައް ބޭނުން ކުރާނެ ރަނގަޅު އުޞޫލުތައް އެނގިފައި ނެތުމަކީ އާއިލާގެ މެންބަރުންގެ ޞިއްޙަތަށް ނުރައްކާވާ ކަމެކެވެ، ޚާއްސަކޮށް ނޭވާލާ ނިޒާމުގެ ބަލިތައް ހުންނަ ފަރާތްތަކަށް. އެހެންކަމުން، ކެމިކަލްތައް އެއްނުކޮށް، ގޭތެރޭގައި ސާފުކުރުމުގެ މަސައްކަތް ކުރުމުގައި ރައްކާތެރިކަމަށް ސަމާލުކަން ދިނުމަކީ ގެވެށި ސަލާމަތަށްޓަކައި އަޅަންޖެހޭ އެންމެ މުހިންމު ފިޔަވަޅުކަން ކަށަވަރެވެ.

