ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ)ގެ ރައީސް ޖިއާނީ އިންފަންޓީނޯ ރަސްމީ ދަތުރުފުޅެއްގައި މިއަދު ރާއްޖެ ވަޑައިގެންފިއެވެ. އިންފަންޓީނޯ ރާއްޖެ ވަޑައިގަތުމުން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން އެމަނިކްފާނަށް ވަނީ ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.
އިންފަންޓީނޯއަށް މަރުހަބާ ދެންނެވީ، އެފްއޭއެމްގެ ރައީސް އަހުމަދު ތޯރިގާއި، ޓޫރިޒަމް އަދި ތިމާވެއްޓާބެހޭ ވަޒީރު ޠާރިޤް އިބްރާހިމްގެ އިތުރުން އެކި އިދާރާތަކުގެ ބޭފުޅުންނެވެ.
މި ދަތުރުފުޅުގެ އެންމެ މުހިންމު ބައިގެ ގޮތުގައި ފާހަގަކުރެވެނީ، ރާއްޖޭގެ ފުޓުބޯޅަ ކުރިއެރުވުމާ ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާ އެކު ބާއްވަވާ މުހިންމު މަޝްވަރާތަކެވެ.
އެއް ދުވަހުގެ މި ދަތުރުފުޅުގައި އިންފަންޓީނޯ އާއި ރައީސް މުއިއްޒު ބާއްވަވާ ބައްދަލުވުމަށް ފަހު، ދެ ބޭފުޅުން ވެސް މިއަދު ހަވީރު ގަލޮޅު ދަނޑުގައި ބާއްވާ އެގްޒިބިޝަން ފުޓުބޯޅަ މެޗެއްގައި ބައިވެރިވެވަޑައިގަންނަވާނެ އެވެ. މި ހަރަކާތުގައި ރައީސްގެ ޓީމަކާއި އިންފަންޓީނޯގެ ޓީމެއް ވާދަކުރާނެއެވެ.
ފީފާގެ ރައީސް ރާއްޖެއަށް ވަޑައިގެންނެވިއިރު، މިއީ 19 އަހަރުގެ ތެރޭގައި އެ އިދާރާގެ އެންމެ އިސްވެރިއަކު ރާއްޖެ ވަޑައިގެން ފުރަތަމަ ފަހަރެވެ. އެފްއޭއެމުން ބުނީ ފީފާގެ ރައީސްގެ މި ދަތުރުފުޅުގެ ސަބަބުން ރާއްޖޭގެ ފުޓްބޯޅައިގެ ފޯރި ގަދަވެގެންދިއުމަށް ވަރަށްބޮޑު ހިތްވަރެއް ލިބިގެންދާނެ ކަމަށެވެ.
އުމުރުން މިހާރު 55 އަހަރުގެ އިންފަންޓީނޯ އަކީ އަސްލަކީ އިޓަލީއެވެ. ދިވެހި ފުޓްބޯޅަ އަލުން ކޮޅަށް ޖެހުމަށް އެފްއޭއެމުގެ ރައީސް އަހުމަދު ތޯރިގާއި އޭނާގެ ޓީމުން ކުރައްވާ މަސައްކަތްތައް ވެސް ބައްލަވާނެއެވެ. އިންފަންޓީނޯ އަކީ ކަންކަން އަމިއްލަފުޅަށް ތަޖުރިބާ ކުރައްވައި، އެކަން އިސްލާހު ކުރައްވައި، އެހީތެރިވެދެއްވަން ދެނެވަޑައިގަންނަވާ ބޭފުޅެކެވެ.

