ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އާ ލީޑަރޝިޕުގެ ތެރެއިން ކުރެވުނު މަސައްކަތުގެ ސަބަބުން، ދުނިޔޭގެ ފުޓްބޯޅަ ބަލަހައްޓާ މައި އިދާރާ ކަމުގައިވާ ފީފާގެ އިތުބާރު ރާއްޖެއަށް އޮތް މިންވަރު ހާމަވެގެން ގޮސްފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުޘްތާޒު ޙުސެއިން މުޙަންމަދު ލަތީފް މިއަދު ވިދާޅުވެއްޖެއެވެ. ނައިބު ރައީސް މިހެން ވިދާޅުވީ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ރާއްޖެއަށް ކުރެއްވި ތާރީޚީ ޒިޔާރަތާ ގުޅިގެން ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއެއްގައެވެ.
ނައިބު ރައީސް ވިދާޅުވީ، ފީފާގެ އިތުބާރު ރާއްޖެއަށް ހޯދުނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި އަހައްމިއްޔަތާއި އެކު އެފްއޭއެމްގެ ރައީސް އަޙްމަދު ޠާރިޤު (ޓޮމް) ކުރެއްވި ބުރަ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ކަމަށެވެ. އެފްއޭއެމްގެ ރައީސް ޠާރިޤުގެ ދައުވަތަކަށް ފީފާގެ ރައީސް ރާއްޖެއަށް ކުރެއްވި މި ދަތުރަކީ، ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވައި ތަރައްގީކުރުމަށް އެޅުއްވި ވަރަށް މުހިންމު ފިޔަވަޅެއްކަން ފާހަގަކުރައްވައި ނައިބު ރައީސް ވިދާޅުވީ، މި ޒިޔާރަތުގެ ސަބަބުން ދެމެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަވެގެން ދިޔަ ކަމަށެވެ.
މި ދަތުރާއި ގުޅިގެން ފުޓުބޯޅައިގެ ދާއިރާއަށް އުފާވެރި މުސްތަޤްބަލެއް ފެނިގެންދާނެ ކަމަށް ލަފާކުރައްވަމުން، ނައިބު ރައީސް ޙުސައިން މުޙަންމަދު ލަތީފް ވަނީ އިތުބާރު ހުރި ބަސްފުޅެއް ވިދާޅުވެފައެވެ. މިއަދު މިތަނުން ފެނިގެންދާ ޅަކުދިންގެ މުސްތަގުބަލު އިރާދަކުރެއްވިއްޔާ އުޖާލާކޮށް ފެނިގެންދާނެ. މި ފިޔަވަޅާއެކު ފީފާއިން ރާއްޖެއަށް ދޭ އެހީތެރިކަމާ އިތުރު ސަޕޯޓް އިތުރުވެގެންދާނެ. މީގެ އިތުރުން، މިކަމުގެ ސަބަބުން އަވަށްޓެރި އަދި ދުނިޔޭގެ އެހެން ޤައުމުތަކުގެ ލޯ ރާއްޖޭގެ ފުޓުބޯޅައަށް އަމާޒުވެގެންދާނެކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ.
ނައިބު ރައީސް ވިދާޅުވީ، ރާއްޖޭގެ ފުޓުބޯޅައިގެ ހާލަތު ވޭތުވެދިޔަ އަހަރުތަކުގައި ވަރަށް ނިކަމެތި ބަލިކަށި ހާލަތެއްގައި އޮތް ކަމަށެވެ. ނަމަވެސް މިހާރު ރާއްޖޭގެ ފުޓުބޯޅަ ނަގާ ކޮޅަށް ޖެހުމަށްޓަކައި އެފްއޭއެމްގެ އާ ލީޑަރޝިޕުގައި ތިއްބެވީ ޤާބިލު ޒުވާނުންތަކެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން އެންމެ އިސްކަމެއް ދެއްވީ ޒުވާނުންނާ ގުޅުންހުރި ކަންކަން ރަނގަޅުކުރުމަށް ކަމަށްވެސް ނައިބު ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
ފީފާގެ ރައީސް އިންފަންޓީނޯ ރާއްޖެއަށް ކުރެއްވި މި ފުރަތަމަ ޒިޔާރަތުގައި، ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރައްވައި ރާއްޖޭގެ ފުޓުބޯޅައިގެ ދާއިރާ ތަރައްޤީކުރުމާ ގުޅޭ ގޮތުން މުހިންމު މަޝްވަރާތައް ކުރެވިފައިވެއެވެ. މި ޒިޔާރަތުގެ ތެރޭގައި ރާއްޖޭގެ ފުޓުބޯޅައިގެ ހާލަތު، ވަސީލަތްތައް ހުރި ގޮތް އަދި އެހެނިހެން ކަންކަން ފީފާގެ ރައީސް ވަނީ އޮޅުންފިލުއްވާފައެވެ. ނައިބު ރައީސް ޙުސައިން މުޙަންމަދު ލަތީފް ވިދާޅުވީ، ޤައުމީ ފުޓުބޯޅަ ދަނޑުގައި ފީފާގެ ރައީސާއެކު ބޭއްވުނު އިވެންޓަކީ ފުރިހަމަ ކާމިޔާބު އިވެންޓެއް ކަމަށެވެ.

